ދެކުނުއިރުމަތީ އޭޝިއާއަށް އައި ބާރުގަދަ ބިންހެލުމުގައި ތައިލޭންޑުގެ އިތުރުން މި ސަރަޙައްދުގެ އެކި ކަންކޮޅުތަކުގައި އެތައް ބަޔަކު މަރުވެ، އެތައް ބަޔަކު ޒަހަމްވުމާ ގުޅިގެން، ތައިލެންޑުގެ ބޮޑުވަޒީރު، މިސް ޕެޓޮންގްޓާން ޝިނަވަޓްރާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު ފޮނުއްވި މެސެޖުގައި، މި ހިތާމަވެރި ހާދިސާގައި ހާލުގައި ޖެހިފައިވާ އެންމެހާ ފަރާތްތަކަށާއި، ގާތް ތިމާގެ މީހުން ގެއްލިފައިވާ އާއިލާތަކަށާއި، ހާލުގައި ޖެހިފައިވާ އެންމެހާ ފަރާތްތަކަށް ވަރަށް ހަމަދަރުދީ ވެވަޑައިގަންނަވާ ކަމަސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ޒަހަމްވި މީހުންނާއި ގެދޮރު ގެއްލިފައިވާ މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މި މެސެޖުގައި ތައިލެންޑުގެ ރައްޔިތުންނާ އެކު ދިވެހި ރައްޔިތުން ތިބި ކަން ކަށަވަރުކޮށް ދެއްވައި، މި ކާރިސާއާ ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ އިތުރުން، މި ކާރިސާއިން އަރައިގަނެ، އާރާސްތުކުރުމުގެ މަސައްކަތް ފަސޭހަކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ

އިއްޔެ މިޔަންމާއަށް އައި 7.7 މެގްނެޓިއުޑްގެ ބިންހެލުމާއެކު ހަދަމުން ދިޔަ 30 ބުރީގެ ސްކައިކްރޭޕާ އިމާރާތެއް ވެސް ވަނީ ބިމާ ހަމަވެފައެވެ. އަދި ގިނަ މަގުތަކެއްގައި އަޅާފައިވާ ތާރު ކަނޑައިގެން ގޮސްފައި ވާއިރު އެ ގައުމުގައި ވަނީ ކުއްލި ހާލަތު އިއުލާނު ކޮށްފައެވެ.

އާންމުކޮށް ދިވެހިން ގޮސްއުޅޭ ސަރަހައްދުތަކުގައި ހުރި އިމާރާތްތައް ވެސް ވެއްޓިފައި ވާއިރު އަނިޔާވި ގިނަ ބަޔަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މި ހާދިސާގައި މަރުވި މީހުންގެ އަދަދު އަދި މިހާތަނަށް ކަށަވަރު ކުރެވިފައެއް ނުވެއެވެ. ނަމަވެސް މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. މިޔަންމާގެ ބިންހެލުން އައި ސަރަހައްދާއި މާލެއާ ދެމެދު ހުރި ދުރުމިނަކީ 3121 ކިލޯމީޓަރު ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.