ތައިލެންޑު އަދި މިޔަންމާއަށް މިއަދު އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން، އެ ގައުމުގައި ދިރިއުޅެމުންދާ ހުރިހާ ދިވެހިންގެ ހާލަތު ވަރަށް ކައިރިން ބަލަމުންދާކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފިއެވެ.

އެ މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ވަނީ ތައިލެންޑުގައި މިވަގުތު ތިބި ދިވެހިންގެ ހާލަތު ރަނގަޅު ކަމަށާއި މިޔަންމާގައި ދިވެއްސަކު ހުރި ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ. އެއާއެކު ފޮރިން މިނިސްޓްރީ އިން ވަނީ މިޔަންމާގައި އެއްވެސް ދިވެއްސަކު ހުރިތޯ ބެލުމަށް ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް މަސައްކަތް ކުރަމުންދާކަމަށް ބުނެފައެވެ.

ތައިލެންޑުގައި ދިރިއުޅެމުންދާ އެއްވެސް ދިވެހި ރައްޔިތަކަށް އެހީތެރިކަން ބޭނުންވާނަމަ ތައިލެންޑު އެމްބަސީގެ ނަންބަރު +66611766502 ނުވަތަ ފޮރިން މިނިސްޓްރީ +9607983400 އަށް ގުޅުއްވުމަށް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ. މިއާއެކު ތައިލެންޑުގެ ކަމާބެހޭ އިދާރާތަކުން މިކަމާ ގުޅިގެން އަންގާ އެންގުންތަކަށް ސަމާލުވެ އެއާ އެއްގޮތަށް ޢަމަލު ކުރުމަށް ފޮރިން މިނިސްޓްރީ އިން ވަނީ އިލްތިމާސްކޮށްފައެވެ.

މިއަދު މިޔަންމާއަށް އައި 7.7 މެގްނެޓިއުޑްގެ ބިންހެލުމާއެކު ހަދަމުންދިޔަ 30 ބުރީގެ ސްކައިކްރޭޕާ އިމާރާތެއް ވެސް ވަނީ ބިމާހަމަވެފައެވެ. އަދި ގިނަ މަގުތަކެއްގައި އަޅާފައިވާ ތާރު ކަނޑައިގެންގޮސްފައި ވާއިރު އެ ގައުމުގައި ވަނީ ކުއްލި ހާލަތު އިއުލާނު ކޮށްފައެވެ.

އާންމުކޮށް ދިވެހިން ގޮސްއުޅޭ ސަރަހައްދުތަކުގައި ހުރި އިމާރާތްތައް ވެސް ވެއްޓިފައި ވާއިރު އަނިޔާވި ގިނަ ބަޔަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. މި ހާދިސާގައި މަރުވި މީހުންގެ އަދަދު އަދި މިހާތަނަށް ކަށަވަރު ކުރެވިފައެއް ނުވެއެވެ. ނަމަވެސް މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. މިޔަންމާގެ ބިންހެލުން އައި ސަރަހައްދާއި މާލެއާ ދެމެދު ހުރި ދުރުމިނަކީ 3121 ކިލޯމީޓަރު ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.