ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ތެރެއިން އެއް ގައުމުކަމުގައިވާ މިޔަންމާއަށް، ހުކުރު ދުވަހު އައި ބާރުގަދަ ބިންހެލުމުގައި އެ ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބި، މިހާތަނަށް 140 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އެ އަދަދު ވަރަށް ބޮޑަށް އިތުރުވެދާނެކަމަށްލަފާކުރެވޭކަމަށް މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ހަވާލާދީ މީޑިއާތަކުން ބުނެފިއެވެ.
ދާހިލީ ހަނގުރާމައެއްގެ ތެރޭގައި އޮތް މިޔަންމާގައި މައުލޫމާތު ހާމަކުރުމުގައި ގިނަ ދަތިތަކެއް ހުރި އިރު، މި ބިންހެލުމުގައި މަރުވި މީހުންނާއި އަނިޔާވި މީހުންގެ ތަފްސީލުތައް ހޯދުމުގައިވެސް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ. މިޔަންމާގެ އަސްކަރީ ސަރުކާރުގެ އިސްވެރިޔާ ސީނިއާ ޖެނެރަލް މިން އަންގް ހްލޭންގް ވިދާޅުވީ އެ ގައުމުން މަރުވި މީހުންގެ އަދަދު މިހާތަނަށް 144އަށް އަރާފައިވާއިރު 730 މީހުން އަނިޔާވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މިޔަންމާއަށް އައި 7.7 މެގްނެޓިއުޑްގެ ބިންހެލުމާއެކު އަވަށްޓެރި ތައިލެންޑުގެ، ބެންކޮކްގައި މަދުވެގެން ހަ މީހަކު މަރުވެފައިވާއިރު، އެތަންތަނުގައި އުސް އިމާރާތްތައްވަނީ ވެއްޓި ބިމާ ހަމަވެފައެވެ. ބެންކޮކްގެ ކަމާބެހޭ ފަރާތްތަކާއި ހަވާލާދީ މީޑިއާތަކުން ބުނީ މިހާތަނަށް އެ ގައުމުން ހަ މީހަކު މަރުވެފައިވާ ކަމަށާއި 22 މީހަކު ޒަހަމްވެފައިވާ ކަމަށެވެ. އަދި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ތިން ތަނަކުން 101 މީހަކު ގެއްލިފައިވާ ކަމަށް ރިޕޯޓުތައްވަނީ ބުނެފައެވެ.
މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމަށް ފަހު އައި އާފްޓާޝޮކްސް ތަކުގެ ބާރު 6.4 މެގްނެޓިއުޑްގައި ހުރިއިރު، އެމެރިކާގެ ސަރުކާރުގެ ސައިންސް އެޖެންސީއެއް ކަމަށްވާ އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ލަފާކުރި ގޮތުން މި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1000 އަށް އަރާނެއެވެ.