6.5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލުމަށްފަހު ފަސިންޖަރު ޑީޕޯޓް ކޮށްލައިފިއެވެ.
ކަސްޓަމްސްއިން ބުނީ އިއްޔެ ވައިގެ މަގުން ގަތަރުގެ ދޯހާއިން ރާއްޖެއައި ބްރެޒިލްގެ 23 އަހަރުގެ އަންހެން ފަސިންޖަރެއްގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން އެ ފަސިންޖަރުގެ ލަގެޖު ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނުނު ކަމަށެވެ.
ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަށް ވަނީ ޕޮޒިޓިވްވެފައިވާ ކަަމަށް ކަސްޓަމަސް އިން ބުނެފައިވާއިރު އެ ތަކެތީގެ ބަރުދަނުގައި 2.6 ކިލޯ ހުއްޓެވެ.
އެ މައްސަލައިގައި ޝާމިލްވާ ފަސިންޖަރު، "ވައިގެ މަގުން ދިވެހިރާއްޖެ އަންނަ ބިދޭސީއަކު ދިވެހި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތްތަކާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދު" އާ އެއްގޮތްވާ ގޮތުގެ މަތިން ތަންފީޒީ އިދާރާތަކުގެ މަޝްވަރާއާއެކު ރާއްޖެއަށް އެތެރެވިޔަނުދީ އިމިގްރޭޝަނުން އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ. އަދި އަތުލައިގެނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.