ސިނާއީ ބޭނުމަށް ތިލަފުށި ފޭސް 2 އިން ބީލަމުގައި ބިން ވިއްކަން ހުޅުވާލި އުސޫލުގައި ބޭރުގެ ފަރާތްތަކަށް އެތަނުން ބިން ދޫކުރާނީ 99 އަހަރުގެ މުއްދަތެއްގެ ގޮތުގައި ކަނޑައަޅާފައި ވުމުން މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
މި ކުއްލި މައްސަަލަ ހުށަހަޅުއްވާފައި ވަނީ ޕީޕީއެމް ތަމްސީލު ކުރައްވާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ، ދިވެހި ރާއްޖޭގެ ވެރިރަށް މާލެ ކައިރީގައި އޮންނަ ތިލަފުއްޓަކީ ދިވެހިންގެ ބައިތުލްމާލުން ހަރަދުކޮށްގެން ތަރައްގީ ކުރަމުން އަންނަ ރާއްޖޭގެ ސިނާއީ މަސައްކަތްތަކަށް ހާއްސަ ކޮށްފައިވާ ރަށެއް ކަމަށެވެ. އެ ރަށުން ސިނާއީ މަސައްކަތަށް ބިން ވިއްކަން ހުޅުވާލީ، ބިދޭސީންނަށް އެ ބީލަމުގައި ބައިވެރިވެވޭ ގޮތަށެވެ. އަދި ބީލަން ކާމިޔާބު ވެއްޖެ ނަމަ ބިދޭސީންނަށް 99 އަހަރަށް ބިން ނުއަގުގައި ވިއްކުމަކީ އެކަމުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށާއި ރާއްޖޭގެ އިގްތިސޯދަށް ނޭދެވޭ އަސަރު ކުރާނެ ކަމެއްގެ ގޮތުގައި އާދަމް ޝަރީފް ފާހަގަ ކުރެއްވިއެވެ.
ހަމައެއާއެކު ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ބިދޭސީންނާ ވާދަކުރަން ޖެހޭގޮތަށް އުސޫލު ކަނޑައަޅާފައި އޮތުމަކީ ދިވެހި ވިޔަފާރިވެރިންނަށް ލިބޭ ފުރުސަތިތައް ހަނިވެ ކުރިމަގުގައި ވިޔަފާރިތައް ކޮންޓްރޯލް ކުރުމުގެ ބާރު ބޭރު މީހުންގެ މައްޗަށް ދިއުމުގެ ދޮރު ހުޅުވިގެން ދާނެ ކަމެއް ކަމުގައި އާދަމް ޝަރީފް ވިދާޅުވިއެވެ. ވަގުތީ މަންފާއެއް ހޯދުމުގެ ބޭނުމުގައްޔާއި އަދި ރިޔާސީ އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ނިޔަތުގައި ގްރޭޓާ މާލެއިން ބިދޭސީންނަށް 99 އަހަރަށް ބިން ވިއްކުން ހުއްޓާލުމަށް އާދަމް ޝަރީފް ވަނީ ސަރުކާރަށް ގޮވާލާފައެވެ.
މި ކުއްލި މައްސަލައަށް ބަހުސް ކުރުމަށް ފެންނަ ނުފެންނަ ކަން ބެލުމަށް މަޖިލީހުގައި ވޯޓަށް އަހާފައިވާ އިރު، މިއަދު މަޖިލީހަށް ހާޒިރުވެ ތިއްބެވި 49 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެފައިވާ 45 މެންބަރުންނެވެ. އެ މައްސަލަައަށް ބަހުސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވާފައި ވަނީ ނުވަ މެންބަރުންނެވެ. އަދި އެ މައްސަލައަށް ބަހުސް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވާފައި ވަނީ 36 މެންބަރުންނެވެ.
މި މައްސަލައަށް 45 މެންބަރުން ވޯޓު ދީފައިވާ އިރު ފާސްވާން ބޭނުންވަނީ 23 ވޯޓެވެ. އެހެންކަމުން މި ކުއްލި މައްސަލަ މިޖިލީހުން ފާސް ނުވި ކަމަށް ނިންމާ ވަނީ މައްސަލަަ ބޭރުކޮށްލާފައެވެ.
ތިލަފުށީން ބިން ވިއްކަން ހުޅުވާލުމުން އެމްއެންޕީން ވެސް ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އެ ގޮތުން މިއީ ދިވެހި އިގްތިސޯދަށާއި އަދި އާއިލާތަކުގެ މާލީ ހާލަތަށް ސީދާ ގެއްލުން ވާނޭ ކަމެއްގެ ގޮތުގައި ސިފަކުރަމުން އެމްއެންޕީން ބުނެފައި ވަނީ، ދިވެހިރާއްޖޭގެ އެތެރޭގެ އަދި ބޭރުގެ ސިޔާސަތުތަކަކީ، ދިވެހިންނަށް އިސްކަން ދޭ އަދި ދިވެހިންގެ ހައްގުތައް ހިމާޔަތް ކުރެވޭ ގޮތަކަށް އޮންނަ "އެންމެ ފުރަތަމަ ދިވެހިން" ސިޔާސަތުތަކަށް ވާންޖެހޭނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ. އެހެންކަމުން ތިލަފުށީގެ ސިނާއީ ސަރަހައްދުން ބޭރު މީހުންނަށް ބިންވިއްކުމަށް ނިންމަވާފައިވާ ނިންމެވުން ބަދަލުކުރުމަށް އެމްއެންޕީން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
ސިނާއީ ބޭނުމަށް ތިލަފުށި ފޭސް 2 އިން ބީލަމުގައި ބިން ވިއްކަން ނިންމާފައިވާ ކަމަށް ބުނެ އެޗްޑީސީން ކުރި އިއުލާނުގައި ބަޔާން ކޮށްފައި އުސޫލުތަކުގައި ބުނާ ގޮތުގައި، އަމިއްލަ ފަރުދެއް ނުވަތަ ކުންފުންޏެއްގެ ފަރާތުން ބީލަން ހުށަހެޅޭނެ ކަމަށާއި އެ ގޮތުން އެ ބީލަމުގައި ދިވެހިން އަދި ބޭރުގެ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ.
ބީލަން ކާމިޔާބު ކުރާ ފަރާތަކީ ދިވެހި ފަރުދެއް ނުވަތަ ދިވެހި ކުންފުންޏެއް ނަމަ ބިން މިލްކުވާނެ ކަމަށާއި ބީލަން ކާމިޔާބު ކުރާ ފަރާތަކީ ބޭރުގެ ފަރުދެއް ނުވަތަ ބޭރުގެ ކުންފުންޏެއް ނަމަ 99 އަހަރަށް ބިން ކުއްޔަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެ ބީލަމަށް ހުށަހެޅޭ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 1،700 ރުފިޔާ އެވެ.
ތިތަނުގެ ހުރިހާބިމެއް ބޭރުގެފަރާތްތަކުންނެގީމަ ދިވެހި ވިޔަފާރިވެރިން ބޮލަށްހޫނުވެގެން ތެޅެންފާނެ