މިދިޔަ އަހަރުގެ ޖެނުއަރީ އަށް ވުރެ މިދިޔަ ޖެނުއަރީގައި އާސަންދަ އަށް ކުރި ހަރަދު ހަތަރު ގުނަ އިތުރުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އާ ގުޅިގެންތޯ ނުވަތަ ނޫންތޯ، ޕްރައިމަރީން ނާކާމިޔާބުވެ ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސުވާލު އުފައްދަވައިފިއެވެ.

އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު، މިފަދައިން ސުވާލު އުފައްދަވާފައި ވަނީ މަޖިލީހުގައި މިހާރު ކުރިއަށްދާ، ނަފްސާނީ ސިއްހަތާ ގުޅޭ ހިދުމަތްތައް ވަށާ ޖެހޭ ސިޔާސަތެއްގެ ތެރެއިން ލިބޭނެ ނިޒާމެއް ގާއިމްކުރުމަށް ގޮވާލާ ހުށަހަޅާފައިވާ ގަރާރަށް މެންބަރުން ކުރެއްވި ބަހުސްގެ ތެރެއިންނެވެ.

އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވާހަކަ ދައްކަވާ ނިމުމުން އިތުރު މެންބަރަކަށް ފުރުސަތު ދެއްވުމުގެ ކުރިން، ނަޝީދު ވަނީ ކޮންމެ ހަފްތާއަކު ފިނޭންސް މިނިސްޓްރީން ނެރޭ ދައުލަތުގެ ހަރަދުތަކުގެ ތަފްސީލްތަކުގެ ތެރެއިން އާސަންދަ އަށް މިދިޔަ އަހަރުގެ ޖެނުއަރީ އާއި މިދިޔަ ޖެނުއަރީގައި ކުރި ހަރަދުތައް ތަފްސީލްކޮށްދެއްވާފައެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، އާސަންދަ އަށް:

  • މިދިޔަ އަހަރުގެ ޖެނުއަރީގައި 67.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ
  • މިދިޔަ ޖެނުއަރީގައި 283.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ

ނަޝީދު ވިދާޅުވި ގޮތުގައި، އެހެންކަމުން މިދިޔަ އަހަރުގެ ޖެނުއަރީ އަށް ވުރެ އެ މުއްދަތުގައި ބަލި މީހުން ހަތަރު ގުނަ އިތުރުވެގެން ހިނގައްޖެއެވެ. އެހެންވެ އާސަންދަ އަށް ކުރި ހަރަދުތައް އިތުރުވެފައި ވަނީ ޕްރައިމަރީ އާ ގުޅިގެންތޯ ނަޝީދު ވަނީ ސުވާލު އުފައްދަވާފައެވެ.

"ދެން އެއީ އެތެރޭގެ އިންތިހާބަކާ ގުޅިގެން (އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ) އައި ބަދަލެއްތޯ، ނުވަތަ ހަގީގަތުގަ ވެސް ބަލި މީހުން ހަތަރު ގުނަ އަށް އިތުރުވެގެން ދިޔައީތޯ، މިއީ މި މަޖިލީހުން އަހަން ޖެހޭ ސުވާލު،"

އާސަންދަ އިން ކުރި ހަރަދުތަކާ ގުޅިގެން ނަޝީދު ސުވާލު އުފައްދަވާފައިވާއިރު، ނިމިދިޔަ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ދައުލަތުގެ ވަސީލަތްތަކުގެ ބޭނުން ނަހަމަގޮތުގައި ކުރެއްވި ކަމަށް ނަޝީދާއި އެމަނިކުފާނުގެ ކެމްޕެއިން ޓީމުން އެތައް ފަހަރެއްގެ މަތިން ތުހުމަތުކޮށްފައިވެއެވެ.

ގާތްގަނޑަކަށް 9،000 ވޯޓުގެ ތަފާތުން ނަޝީދު ބަލިކުރައްވައި، އެމްޑީޕީގެ ފަރާތުން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާނީ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. ނަޝީދަށް 15،641 ވޯޓު ލިބިވަޑައިގެންފައިވާއިރު، ރައީސަށް ލިބިވަޑައިގަތީ 24،566 ވޯޓެވެ.