ހޯމަދުވަހުގެ ފަތިހު ތުރުކީއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ތުރުކީގައި ބޭއްވުމަށް ހަމަޖެހިފައިވާ އީސްޓް މެޑިޓަރޭނިއަން އިންޓަނޭޝަނަލް ޓޫރިޒަމް އެންޑް ޓްރެވަލް ފެއާ (އެމިޓް) ފަސްކޮށްފިއެވެ.

ތުރުކީގައި ބާއްވާ އެންމެ ބޮޑު އެއް ޓޫރިޒަމް ފެއާ 'އެމިޓް' އަކީ ކޮންމެ އަހަރަކު ރާއްޖެއިން ވެސް ބައިވެރިވާ ފެއާއެކެވެ. މިއަހަރުގެ ފެއާގައިވެސް ރާއްޖެއިން ބައިވެރިވާން ނިންމާފައި ވާއިރު ކުރިން މި ފެއާ ބޭއްވުމަށް ނިންމާފައި ވަނީ ފެބްރުއަރީ 8 އިން 11 ގެ ނިޔަލަށެވެ.

އެހެންނަމަވެސް ތުރުކީއަށް އައި ބާރުގަދަ ބިންހެލުމުގައި ގިނަ ބަޔަކު މަރުވެ އެތައް ބަޔަކު ޒަހަމްވުމާ ގުޅިގެން މި ފެއާ ބާއްވާ ތާރީހް ފަސްކޮށްފައިވާ ކަަމަށް 'އެމިޓް' އިންތިޒާރުކުރާ ޓީމުން ވަނީ ބުނެފައެވެ. އަދި ފަހުގެ ތާރީހެއްގައި ފެއާ ކުރިއަށް ގެންދާނެ ގޮތް އިއުލާން ކުރާނެ ކަމަށްވެސް އެ ޓީމުން ވަނީ ބުނެފައެވެ.

އެމިޓް އިންތިޒާމުކުރާ ޓީމުން ނެރުނު ބަޔާނެއްގައި ވަނީ ތުރުކީއަށް އައި ބިންހެލުމުގައި މަރުވި މީހުންނާއި ހާލުގައިޖެހިފައިވާ މީހުންގެ އާއިލާތަކަށް ތައުޒިޔާ ކިޔާފައެވެ.

އެމިޓް ފެއާ އަކީ، ދުނިޔޭގެ 100 އަށް ވުރެ ގިނަ ގައުމުން 400 އެއްހާ އެގްޒިބިޓަރުން ބައިވެރިވާ އަދި 35،000 އެއްހާ މީހުން ޒިޔާރަތް ކުރާ ފެއާއެކެވެ. މި ފެއާގައި ދުނިޔޭގެ އެތަން މިތަނުން 200 އަށް ވުރެ ގިނަ ޓުއާއޮޕަރޭޓަރުން ވެސް ކޮންމެ އަހަރަކު ބައިވެރި ވެއެވެ. މިއަހަރުގެ އެމިޓް ފެއާ އަކީ 26 ވަނަ ފެއާއެވެ. މި ފެއާތަކުގައި ރާއްޖެ ތަމްސީލު ކުރާ ކޮންޓިންޖެންޓުގައި ވެސް ގިނަ އަދަދެއްގެ ރާއްޖޭގެ ޓްއާ އޮޕަރޭޓަރުން ބައިވެރިވަމުން އަންނަ އިރު، ފެއާތަކުގެ ސަބަބުން ރާއްޖެ އިޝްތިހާރު ވެ ރާއްޖެއަށް ޒިޔާރްތަ ކުރާ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން މަތިވެގެން ދެއެވެ.