މިއަދު ހަވީރު ކުޅުނު އިންޓަ ސްކޫލް 17 އަހަރުން ދަށުގެ ސެމީ ފައިނަލް ފުރަތަމަ މެޗަށް ފަހު ރެފްރީއަށް ހަމަލާދިން މައްސަލަ ބަލާނެ ކަމަށް އެފްއޭއެމްއިން ބުނެފިއެވެ.

މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު އެ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ވާދަކޮށްފައިވަނީ ކަލާފާނު ސްކޫލާއި ގުރައިދޫ ސްކޫލެވެ. ރެފްރީއަށް ހަމަލާދީފައި ވަނީ ގުރައިދޫ ސްކޫލުގެ ކުޅުންތެރިންނާއި ސަޕޯޓަކުން ކަމަށް މައުލޫމާތު ލިބިފައިވާއިރު ސޯޝަލް މީޑީއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ރެފްރީއަށް ހަމަލާ ދިނުމުގައި ބައިވެރިވި މީހުން ވަނީ އަތުން ތަޅައި މާރާމާރީ ހިންގަން މަސައްކަތް ކޮށްފައެވެ. އަދި ދަނޑު ތެރޭގައި ރެފްރީ ފަހަތުން ދުވެފައި ގޮސް ރެފްރީ ޑްރެސިން ރޫމް ތެރެއަށް ވަތް ފަހުން ވެސް އެ ތަނުގެ ތެރެއަށް ވަންނަން ވަނީ މަސައްކަތް ކޮށްފައެވެ.

އެކަމާ ގުޅިގެން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް "ދަ ޕްރެސް" އަށް ވިދާޅުވީ ރެފްރީއަށް ހަމަލާދޭން މަސައްކަތް ކުރި މައްސަލަ ބަލަމުންދާ ކަމަށާއި ފިޔަވަޅު އަޅާނެ ކަމަށެވެ.

އެ މެޗުގައި ކަލާފާނު ސްކޫލް މެޗު ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މިރޭ އެ މުބާރާތުގެ ސެމީގެ ދެ ވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އިމާދުއްދީން ސްކޫލާއި ރެހެންދި ސްކޫލެެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފާ ވަނީ މިރޭ 8:30 ގައެވެ.