3.5 ބިލިއަން ރުފިޔާގެ އާމްދަނީއަކާއެކު، މިދިޔަ މަހަކީ މިހާތަނަށް ރާއްޖޭގެ ތާރީހުގައި އެއް މަސްތެރޭ ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު މަސް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މިއަދު ރައްޔިތުން މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުންނެވެ.

ރައީސް ވިދާޅުވީ، މިދިޔަ 2022 ވަނަ އަހަރު ރާއްޖޭގެ އިގްތިސޯދު ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ފުރަތަމަ ލަފާކުރީ 7.6 އިން ޕަސަންޓު ކަމަށެވެ. އަދި އަހަރު ނިމުނުއިރު ވޯލްޑް ބޭންކުގެ އަންދާޒާ 7.6 ޕަސަންޓުން 12.4 ޕަސަންޓަށް މަތިކުރި ކަމަށާއި މިހިނގާ އަހަރަށް ރާއްޖޭގެ އިގްތިސޯދު ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރަނީ 8.2 ޕަސަންޓު ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮވިޑް-19އާ ހަނގުރާމައިގެ ހާލަތުން ދުނިޔޭގެ އިގްތިސޯދަށް އެރި ލޮޅުމުގެ އަސަރު ރާއްޖެއަށް ނުހަނު ބޮޑުވި ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މިކަމަށްޓަކާ ސަމާލުވެ ހޭލާތިބެ އަޅަންޖެހުނު މުހިންމު ފިޔަވަޅުތައް ސަރުކާރުން އެޅި ކަމަށެވެ.

ރާއްޖޭގެ އިގްތިސޯދުގެ ހަމަ ހިފެހެއްޓުމަށްޓަކާ މާލީ ސިޔާސަތަށް ގެންނަން ޖެހުނު ބަދަލު މިވަނީ ގެނެވިފަ. މިފިޔަވަޅުތަކާ އެކު ކުރިއަށް އޮތްތަނުގާ ކުރިމަތިވެދާނެ އިގްތިސޯދީ އަޑިގުޑަން ކުޑަކުރެވިއްޖެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް އިތުރަށް ވިދާޅުވީ، މިދިޔަ މަހަކީ މިހާތަނަށް ރާއްޖޭގެ ތާރީހުގާ އެއް މަސްތެރޭ ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު މަސް ކަމަށެވެ. އެއީ 3.5 ބިލިއަން ރުފިޔާއެވެ. ކުރިއަށް އޮތްތަނުގެ އުންމީދު އާވެ، ރައްޔިތުންނަށް އިތުރު ބޮޑުތަކުލީފެއް ކުރިމަތި ނުވާނެކަމުގެ އުންމީދު ހޯދިއްޖެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އަދި ދައުލަތުގެ ރިޒާވް އޭގެ ރައްކާތެރި މިންގަނޑުގާ ދެމެހެއްޓޭނެކަމުގެ އިތުބާރު މިހާރު ލިބިފައިވާ ކަމަށާއި މިދިޔައަހަރު ނިމުނު އިރު ދައުލަތުގެ ރަސްމީ ރިޒާވްގައި 827 މިލިއަން އެމެރިކާ ޑޮލަރުހުރި ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ދައުލަތުން ލަފާ ކުރި 632 މިލިއަން ޑޮލަރަށް ވުރެ 200 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.

އެމްއެމްއޭ އިން އާއްމު ކޮށްފައިވާ ތަފާސްހިސާބު ދައްކާ ގޮތުން، އަހަރު ނިމުނު އިރު ދައުލަތުގެ ރިޒާވް އިތުރުވެފައި ވަނީ ޓޫރިޒަމުން ލިބުނު އާމްދަނީ އާއި ބޭރުގެ އެހީ އަދި ޓެކްސްގެ އާމްދަނީ އިތުރުވުމުންނެވެ. މީގެ އިތުރުން ސަރުކާރުން ވަނީ ދައުލަތުގެ ރިޒާވް ހިފެހެއްޓުމަށް އިންޑިއާއިން 200 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ހަމަޖައްސާފައެވެ.

މިދިޔަ އަހަރު ދައުލަތުގެ ރިޒާވް އެންމެ މައްޗަށް ގޮސްފައިވަނީ މާޗު އަދި އެޕްރީލްގައެވެ. މާޗު މަހު ރިޒާވް 862 މިލިއަން ޑޮލަރަށް އެރި އިރު އެޕްރީލް މަހު ރިޒާވް ހުރީ 829 މިލިއަންގައެވެ.

މާޗު މަހު ދައުލަތުގެ ރިޒާމް މަތިވި އިރު އެ މަހަކީ މިދިޔަ އަހަރު އެންމެ ގިނަ ޓޫރިސްޓުން އައި މަހެވެ. ހިސާބު ތަކުން ދައްކާ ގޮތުގައި އެ މަހު ރާއްޖެއަށް 150 ހާސް ފަތުރުވެރިން ޒިޔާރަތް ކުރިއެވެ.

2021 ވަނަ އަހަރު ނިމުނު އިރު ދައުލަތުގެ ރިޒާވް ހުރީ 805 މިލިއަންގައެވެ.