ފ. މަގޫދޫ އަދި މ. މުލީ އެއާޕޯޓް ލަސްވެގެން މިއަހަރުގެ ނިޔަލަށް ނިމޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލިހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ދިވެހިރާއްޖެއަށް ބޭނުންވާ ހުރިހާ ޑޮމެސްޓިކް އެއާޕޯޓެއް ގާއިމް ކުރުމުގެ މަޝްރޫއު ކުރިއަށްދާ ކަމަށެވެ. މިގޮތުން ހޯރަފުށީ އެއާޕޯޓު މިހާރު ހުޅުވާފައިވާ ކަމަށާއި މި އަންނަ މަހު ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވާނެ ކަމަށެވެ.
މީގެ އިތުރުން މާފަރު ބައިނަލްއަގްވާމީ އެއާޕޯޓުގެ އެކްސްޕޭންޝަން މަސައްކަތް ފަށާފައިވާ ކަމަށާއި މަގޫދޫ އަދި މުލީ އެއާޕޯޓް ލަސްވެގެން މިއަހަރުގެ ނިޔަލަށް ނިމޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، މާލެ ސަރަޙައްދުން ބޭރުގާ ހިންގޭ އެއާޕޯޓް އެޅުމުގެ އެންމެ ބޮޑު ދެމަޝްރޫއު ކުރިއަށްދާ ކަމަށެވެ. މިގޮތުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށާއި އަމާޒަކީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭ މިއަހަރުގެ ފަހު ކުއާޓާގާ ނިންމުން ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެހެންމެ އައްޑޫ އިންޓަނޭޝަލް އެއާޕޯޓްގެ އަމަލީ މަސައްކަތް ފެށުމަށް މި މަހު ހަވާލު ކުރާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާލުވީ، މިއީ ރާއްޖޭގެ އެންމެ އުތުރާ، އެންމެ ދެކުނަށް އަހަރަކު ޖުމްލަ 2.8 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ގޮތަށް ތަރައްގީ ކުރާ ބައިނަލްއަގްވާމީ ޒަމާނީ ދެ އެއާޕޯޓް ކަމަށެވެ.
އަންނަ މަހު ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވަން ނިންމާފައިވާއިރު އެއާޕޯޓުގެ އިމާރާތްތަކާއި ބޮޑެތި ހުރިހާ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށާއި މިގޮތުން ރަންވޭއާއި އެއާޕޯޓްގެ ފަޔާ ބިލްޑިންއާއި، އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ.
އެއާޕޯޓްގައި މިހާރު ކުރަމުންދަނީ އޮޕަރޭޝަނަށް ގެނައުމަށްޓަކާ ކުރަންޖެހޭ އެންމެފަހުގެ މަސައްކަތްތައް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެއަޕޯޓްގެ އެއާ ޓްރެފިކް ކޮންޓްރޯލް ޓަަވަރުގެ ރާޑަރާއި އަދި ރަންވޭގެ ލައިޓިން ސިސްޓަމްތައް ދިއްލާ މިހާރު ޓެސްޓުކޮށްފައިވާއިރު ޓެސްޓް ފްލައިޓް ޖެއްސުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.
މި މަޝްރޫއުގެ ދަށުން ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތް ކުރުމާއި، ޓެކްސީވޭއަކާއި، އޭޕްރަންއަކާއި، ފަޔާ ޕެޑް އަދި ފަޔާ ރޯޑެއް ގާއިމު ކުރުން ހިމެނެއެވެ. ހަމައެއާއެކު ފަޔާ ބިލްޑިންއެއް އިމާރާތް ކުރުމާއި، ޓާމިނަލް ބިލްޑިންއެއް އިމާރާތް ކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.
މި މަޝްރޫއަކީ 144.8 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ.