އަންނަ މާޗް މަހު ޔުނިވާސިޓީ ދާއިރާ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މިއަދު ރައްޔިތުން މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސް ވިދާޅުވީ، އަންނަ މަހު ރާއްޖޭގެ ޔުނިވާސިޓީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު އަންނާނެ ކަމަށެވެ. އަދި ޕޭ ހާމަނައިޒް ކުރުން ނިމިގެން ދާއިރު، ޝަރުއީ ދާއިރާ އާ އިމާމުންނާ މުދިމުންނާ އަދި ޖުމްލަކޮށް ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުން ޝާމިލްވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އަންނަ މޭ މަހުގެ 1 އިން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނެ ކަމަށާއި އަދި ސަރުކާރުގެ ވުޒާރާތަކުގާ 35 ޕަސަންޓް އެލަވަންސް ނުލިބި މިހާރު ތިބި ހުރިހާ މުވައްޒަފުންނަށް 1 މޭއިން ފެށިގެން އެލަވަންސް ލިބެން ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މިދިޔަ އަހަރު ރައީސް ކަމުގެ މަގާމުގައި ހުންނަވާ އެމަނިކުފާނު ދެންނެވި ގޮތަށް ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ބޮޑު ބަދަލެއް ގެންނެވި ކަން ފާހަގަކުރައްވާފައެވެ.

އަންނަ މަހު ޔުނިވާސިޓީތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާއިރު ޓީޗަރުންގެ މުސާރަ ބޮޑުކުރި ނަމަވެސް އެމްއެންޔޫ އަދި އައިޔޫއެމްގެ ޓީޗަރުންގެ މުސާރައަށް ބަދަލެއް ގެނެސްފައި ނުވާތީ މިދިޔަ އަހަރު އެމްއެންޔޫ އަދި އައިޔޫއެމް ޓީޗަރުން ވަނީ އިހުތިޖާޖުކޮށްފައެވެ.

އެ އިހުތިޖާޖުގެ ބައިވެރިން ވަނީ އެމީހުންގެ މުސާރަ ވެސް ބޮޑުކޮށްދިނުމަށް ގޮވާލާފައެވެ. މީގެ އިތުރުން ޔުނިވާސިޓީ މުވައްޒަފުން ބާކީ ނުކޮށްލުމަށް ވެސް ބައިވެރިން ވަނީ ގޮވާލާފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅާ އެއްގޮތަށް ޓީޗަރުންގެ މުސާރަ ބޮޑުކޮށްފައި ވަނީ މިދިޔަ އަހަރުގެ މިމަހު 1 ވަނަ ދުވަހުުއެވެ.

ޓީޗަރުންނާއި ޕްރިންސިޕަލުންގެ މުސާރައަށް އައި ކުރިއެރުންތައް:

ޓީޗަރުގެ މުސާރަ:

  • ރޭންކު 1 މުސާރަ 10،889 ރުފިޔާއިން 13،266 ރުފިއަށް (22 ޕަަަސެންޓްގެ ކުރިއެރުމެއް)
  • ރޭންކު 2 މުސާރަ 13،089 ރުފިޔާއިން 19،467 ރުފިޔާއަށް (50 ޕަަަސެންޓްގެ ކުރިއެރުމެއް)
  • ރޭންކު 3 މުސާރަ 15،135 ރުފިޔާއިން 20،895 ރުފިޔާއަށް ( 38 ޕަަަސެންޓްގެ ކުރިއެރުމެއް.
  • ޕްރިންސިޕަލުންގެ މުސާރަ:

  • ރޭންކް 1 : 16،000 ރުފިޔާއިން 30،000 ރުފިޔާއަށް (82 ޕަސެންޓްގެ ކުރިއެެރުމެއް)
  • ރޭންކް 2 : 20،000 ރުފިޔާއިން 33،000 ރުފިޔާއަށް (59 ޕަަަސެންޓްގެ ކުރިއެެރުމެއް)
  • ރޭންކް 3: 12،000 ރުފިޔާއިން އިން 20،000 ރުފިޔާއަށް (38 ޕަަަސެންޓްގެ ކުރިއެރުމެއް)

ޑެޕިއުޓީ ޕްރިންސިޕަލުންގެ މުސާރަ:

  • ރޭންކް 1: 13،000 ރުފިޔާއިން އިން 23،000 ރުފިޔާއަށް (78 ޕަަަސެންޓްގެ ކުރިއެރުމެއް)
  • ރޭންކް 2: 21،00 ރުފިޔާއިން 26،000 ރުފިޔާއަށް (55 ޕަަަސެންޓްގެ ކުރިއެރުމެއް)

ސްކޫލް ޓީޗަރުންގެ މުސާރައަށް ބަދަލު ގެނެސްފައި ވާއިރު ކީރިތި ގުރްއާނާ ބެހޭ ގައުމީ މަރުކަޒުގެ ޓީޗަރުންގެ މުސާރަ ވެސް މޭ 1 އިން ފެށިގެން ވަނީ ބޮޑުކޮށްފައެވެ.