ނުރައްކާތެރި މަސްތުވާތަކެތީގެ ވަބާގައި ޒުވާން ޖީލު ނެތި ފަނާ ވަމުން ދާއިރު ކަމާ ބެހޭ މުއައްސަސާތަކުން މިކަމަށް ބީރު ކަންފަތެއް ދިނުމުގެ އިތުރުން އެދެވޭ ހައްލެއް ފޯރު ކޮށްދޭން މަސައްކަތް ކުރާތަން ނުފެނުމަކީ މި ކުށް މުޖްތަމައުގައި ވަކި ހިއްޕާލައިފައި އޮތް އެންމެ ބޮޑު އެއް ސަބަބު ކަމުގައި ބުނުމަކީ ދޮގަކަށް ނުވާނެއެވެ.
.ތުއްތު އުމުރުފުރައިން ފެށިގެން މުސްކުޅި އުމުރާ ހަމައަަށް މި ނުބައި އަމަލުގެ ޝިކާރައަށް ދިވެހި އަންހެނުންނާއި ފިރިހެނުން ހުށަހެޅުމުން އަންނައިރު މިއީ އަންނަ އޮތް ޖީލުތަކަށް ދެވޭ ބިރުވެރި ރަނގަބީލަކަށް ވާނެއެވެ.
މާލޭގެ އިތުރުން ރަށްރަށުގައި ވެސް މިއީ ބޮޑުވެފައިވާ އިޖްތިމާއީ މައްސަލައަކަށް ވާއިރު މިއަދުވެސް ފެނިގެން މިދިޔައީ މިކަހަލަ އެއް މަންޒަކެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ ވީޑިއޯއެއްގައި ފެންނަމުން ދަނީ މާފަންނު ސަހަރާ ކައިރި ޕާކިން ޒޯންއެއްގެ ކުރިމަތީގައި ޒުވާން ފިރިހެނަކު އިށީނދެލައިގެން ރޯމާ ދުވާލު އެއްވެސް ޖެހިލުމެއް އަދި ހާސްކަމެއް ނެތި އިންޖެކްޓް ކުރަމުން ދިޔަ މަންޒަރެވެ. އަދި އޭނާ އިށީނދެގެން އިންނަ ތަނުގެ ކުރިމާތީގައި އޮންނަ ޕާކިން ޒޯންގައި ހުރި ސައިކަލަކަށް މީހަކު އަރައިގެން ދާތަންވެސް ފެނުނެވެ.
މިއީ މިހާރު އާ މަންޒަރަކަށް ނުވާތީ އަޅާ ނުލާ ދިޔައީ ކަމަށް ވުންވެސް އެކަށީގެންވެއެވެ. މާލޭގެ ޕާކްތަކުގައާއި އަށިތަކުގައި ވެސް މިހެން ބިއްޖެހިފައި އެކި އުމުރުފުރަިގެ މީހުން ތިބޭ މަންޒަރަކީ މިހާރު ދިވެހިންނަށް އާ މަންޒަރެއް ނޫނެވެ. މިފަދަ ގޮތަކަށް މަސްތުވާތަކެތި ބޭނުން ކުރުމަކީ އެންމެ ނުރައްކާގޮތް ކަމަށް ވާއިރު، މިކަން ކަމުގެ ސަބަބުން މުޖްތަމައުގައި ނުރައްކާތެރި ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ. އަދި ހަމައެއާއެކު މި ނުބައި އަމަލުގެ ސަބަބުން އެތައް އާއިލާއަކާއި އެތައް ދިރިއުޅުމެއް ހަލާކުގެ ތެރެއަށް ވެއްޓިގެން ދާއިރު މިއީ ދޫކޮށްލެވޭ ވަރުގެ މައްސަލައެއް ނޫނެވެ.
ވައްކަމާއި ފޭރުމުގެ އިތުރުން ބޮޑެތި ކުއްތަކަށް އަރައިގަންނަ މީހުންނަކީ މަގުމަތީ ބަހުރުވައިންނަމަ "ޕީސް" ކޮޅު ގަންނަން ކުށްތައް ކުރާމީހުން ކަމަށް ވާއިރު ދިވެހި ފުލުހުންގެ އިތުރުން ކޯޓުތަކަށް ވެސް މިކަން ހުއްޓުވޭ ކަމަކަށް ނުވެއެވެ. ގާނޫނު އަސާސީގައި އަދަބެއް ކަނޑައެޅިފައި އޮތް ނަމަވެސް މިކަހަލަ މައްސަލަތަކަށް އަދަބު ތަންފީޒު ކުރެވެނީ މަދު މައްސަލައަކަށެވެ.
މި ނުރައްކާތެރި ވަބާގެ ދަލުގައި ދިވެހިން ޖެހެމުން ދާއިރު މިކަންކަމަށް ރަނގަޅު ބަދަލެއް ގެނެސްދެވިފައި ނުވެއެވެ. މިކަންކަން ރަނގަޅު ކުރަން ރައްޔިތުން އާދޭސް ކުރަމުން ދާއިރު ސަރުކާރުގެ އިސް ވުޒާރާތައް ވަނީ މިކަން ކަން ހައްލު ކުރުމުގައި ފެއިލް ވެފައިކަން މި ކުޑަ ވީޑިއޯކޮޅުންވެސް ދޭހަވެގެންދެއެވެ.
ކީއްތޯ ކުރާނީ ބަލާނެ މީހަކު އަޅާލާނެ މީހަކު ނެތް މިބާވަތުގެ ކަންކަން ހުއްޓުވަން އޮތީ ސަރުކާރު، އެހެނަސް ސަރުކާރު އޮތީ މިއަށްވުރެވެސް ބޮޑަށް އިންޑިއާއަށް މަސްތުވެފާ މި މައްކާރު ސަރުކާރުން ހޭބޯ ނާރައިގެން މި ތެޅިއަރުވަނީ އިންޑިއާ އާގެން އެނޫން ނަމެއް އެނޫން ކަމެއް އެނޫން ބެލުމެއް އެނޫން މަސްތުވުމެއް މި ވަގުންގެ ސަރުކާރުގާ ނެތް، މިސަރުކާރުގާ މިހާރު ތިބީ އިންޑިއާގެއަޅުން އަޅުންގެ އަޅުން.