ރ. ރަސްމާދޫ ސްކޫލުގެ ޕްރިންސިޕަލް ޒިޔާދު ރަޝާދު، ޗުއްޓީއަށް ވަޑައިގެންނެވި ގޮތަށް ވަޒީފާއަށް އެނބުރި ވަޑައިނުގެން ގިނަ ދުވަސްތަކެއް ވެފައިވާތީ އެ ސްކޫލުގެ ބެލެނިވެރިންނާއި، ޓީޗަރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

އެސްކޫލުގެ ޕްރިންސިޕަލް ޗުއްޓީއަށް ވަޑައިގެންނެވި ގޮތަށް ނުނިކުންނަވާތީ އެ މަގާމު ހުސްކޮށް އޮންނަތާ މިހާރު ދެމަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް "ދަ ޕްރެސް" އަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ރަސްމާދޫ ކައުންސިލުގެ ރައީސް މުހައްމަދު އާސިފް ވިދާޅުވީ މިހާރު ވަޒީފާއިން ވަކިވެވަޑައިގަތުމަށް ޕްރިންސިޕަލް އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި ޕްރިންސިޕަލްގެ ލީވިންގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށާއި މިހަފްތާ ނޫނީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އެ މަސައްކަތް ނިމުމާއެކު ސުކޫލަށް އާ ޕްރިންސިޕަލެއް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް އާސިފް ވިދާޅުވިއެވެ.

ގްރޭޑް އެކަކުން 10 އަކަށް 130 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާ ރަސްމާދޫ ސްކޫލު ހިންގުމާ މިހާރު ހަވާލުވެ ހުންނެވީ އެ ސުކޫލުގެ ލީޑިން ޓީޗަރެކެވެ.

އެކަމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ނުލިބެއެވެ.

އެރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނިގޮތުގައި ޕްރިންސިޕަލް މިހާރު ފެންނަމުން ދަނީ މޯލްޑިވްސް ނެޝަނަލް ޕާޓީގެ ކެމްޕެއިން ތަކުންނެވެ.