ޗާގޯސް ވިއްކާލާފައި މަހުގެ އަގު ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ނަަމަވެސް މަސްވެރިން އެކަން ގަބޫލުނުކުރާ ކަމަށް މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) ވިދާލުވެއްޖެއެވެ.

މިހާރު އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ "ދުއްޕާން" ޖަލްސާގައި ވާހަކަ ދައްކަމުން ސެންބެ ވަނީ ސަރުކާރުން މަސްވެރިންނަށް ވެފައިވާ އިހުމާލާ ގުޅިގެން ފާޑުވިދާޅުވެފައެވެ.

ސެންބެ ވިދާޅުވީ ދިވެހި މަސްވެރިން ވިސްނަން ޖެހޭ އެތައް ބައިވަރު ކަންކަމެއް ފެންނަމުންދާ ކަމަށާއި ދެ ފެކްޝަނުގެ ކޯޅުމުގެ ތެރެއިން މަސްވެރިންގެ އަގު ވަޒަން ކުރަމޭ ބުނުމަކުން އެކަން ހާސިލުވެގެން ނުދާނެ ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމެއްގައި ދާއިމީ ހައްލު އެމަނިފާނު ހޯއްދަވައި ދެއްވާނެ ކަމަށާއި ރައީސް ޔާމީނަކީ ލޯނުން ނަރުދަމާ އަޅާ، ވަގުތީ ހައްލެއް ހޯއްދަވާނެ ބޭފުޅެއް ނޫން ކަމަށް ވެސް ސެންބެ ވިދާޅުވިއެވެ.

ރައީސް ޔާމީން، ތަސައްވަރުތައް ގެންގުޅުއްވަނީ ދުނިޔޭގެ ނިސްބަތުން ބޮޑެތި ގައުމުތަކުގެ ތަރައްގީ މީޒާން ކުރާ ގޮތަށްކަން ފާހަކުރައްވާ ސެންބެ ވިދާޅުވީ ރައީސް ޔާމީން މަސައްކަތް ކުރެއްވީ ދިވެހި މަސްވެރިންނަށް ފްރީ ޓްރޭޑް އެގްރީމެންޓްގެ ދަށުން، ދިވެހިން ބާނާ މަސް މުޅި ދުނިޔެއަށް ހުޅުވާލަން ކަމަށް ވިޔަސް ރައީސް ސޯލިހުގެ ނުފޫޒުން އެކަން ނުވެ ދިޔައީ ކަމަށެވެ.

އެކަންކަން ހައްލު ކުރެވޭނީ ރައީސް ޔާމީނަށް ކަމަށާއި ހައްލަކީ އެމަނިކުފާނު ކަމަށް ސެންބެ ވިދާޅުވިއެވެ.

މިހާރު ޔާމީންގެ ޝަރީއަތް ހިނގަމުން ދާއިރު، ރާއްޖޭގެ ޝަރުއީ ނިޒާމު ގަޑުބަޑު ކުރަން ސަރުކާރުން އުޅޭކަމަށް ތުހުމަތު ކުރައްވައި ސެންމެ ވިދާޅުވީ، ރާއްޖެގައި އޮތީ އިސްލާމީ ޝަރުއީ ނިޒާމެއް ކަމަށާއި އެ ނިޒާމު ގަޑުބަޑު ނުކުރުމަށެވެ. އަދި ދައުލަތުގެ ހުރިހާ ތަނަކަށް "އަތާއި ފަޔާއި ބޯލައިގެން" ރައީސް ޔާމީނަށް އަނިޔާ ކުރަމުންދާ ކަމަށް ވެސް ސެންބެ ވަނީ ވިދާޅުވެފައެވެ. އަދި ސެންބެ މިއަދުގެ ސަރުކާރު ސިފަ ކުރައްވަނީ "ނޮހޮރޮއްޕާނާއި މަކަރާއި ހީލަތުން" މުޅި ދުނިޔެ ހާސިލު ކުރަން އުޅޭ ބައެއްގެ ގޮތުގައެވެ.

ސެންބެ އިތުރަށް ވިދާޅުވީ މޮޅިވެރިކަމެއްގައި ޕީޕީއެމް މިވަގުތު އޮތަސް ހިތްވަރާއެކު ޖަލުގެ ތޭރިތަކުން ރައީސް ޔާމީން ނެރެ ﷲ ގެ ހެޔޮ ރަހުމަތުން 2023 ގައި ވެރިކަމަށް، ރައީސް ޔާމީން ގެންނާނެ ކަމަށެވެ.