ސްރީލަންކާ މިނިވަންވިތާ 75 އަހަރު ފުރުމުގެ މުނާސަބަތުގައި ދެ ރައީސުން ތަހުނިޔާ ފޮނުއްވައިފިއެވެ.

އަވަށްޓެރި ލަންކާ މިނިވަންވިތާ 75 އަހަރު ފުރުމުގެ މުނާސަބަތާ ދިމާކޮށް ފޮނުއްވި ތަހުނިޔާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ، އެ ގައުމާއި ރާއްޖެއާ ދެމެދު އޮތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފޮނުއްވި ތަހުނިޔާގައި ވަނީ، ސްރީލަންކާގެ މިހާރުގެ ހާލަތަށް ކުޑަކޮށް އަލިއަޅުވާލައްވައިފައެވެ. މިއަދު ލަންކާ ހާލުގައި އޮތް ނަމަވެސް، އެ ގައުމުގެ ހާލަތު ރަނގަޅުވެ، އަމިއްލަ ފައި މައްޗަށް ތެދުވެވޭނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް، ނަޝީދު ވިދާޅުވިއެވެ.

އިނގިރޭސީންގެ އަތް ދަށުން ސްރީލަންކާ މިނިވަންވީ ފެބްރުއަރީ 4، 2023 ގައެވެ. ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީ 4 ވަނަ ދުވަސް ލަންކާ އިން ފާހަގަކުރަނީ އެ ގައުމުގެ މިނިވަން ދުވަސް، އަދި ގައުމީ ދުވަހުގެ ވެސް ގޮތުގައެވެ.

ދާދިފަހުން ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ނަޝީދާ ވާދަކުރައްވާ، ރައީސް ޕްރައިމަރީ ކާމިޔާބުކުރައްވައި ރިޔާސީ ޓިކެޓު ކަށަވަރުކުރައްވާފައި ވަނީ 9،000 އެއްހާ ވޯޓުގެ ތަފާތަކުންނެވެ. އެ ނަތީޖާ އާ ގުޅިގެން ބަލި ގަބޫލުފުޅުކުރެއްވި ނަމަވެސް، ކުރިއަށް އޮތް އިންތިހާބުގައި ރައީސްގެ ފަހަތުގައި ނުހުންނަވާނެ ކަމަށް ނަޝީދު ގެންދަވަނީ ވިދާޅުވަމުންނެވެ.

ޕްރައިމަރީ އަށް ފަހު ދެ ބޭފުޅުން ފުރަތަމަ ފަހަރަށް ބައްދަލުކުރައްވާފައި ވަނީ އިންޑިއާގެ 74 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ. އެ ބައްދަލުވުމުގެ ތެރެއިން ދެ ބޭފުޅުން ސަލާމް ކުރެއްވުން ފިޔަވާ ވާހަކަތަކެއް ދައްކަވާފައެއް ނުވެއެވެ. އަދި ކެމޭރާތަކުގެ ލެންސަށް ވެސް އެނޫން މަންޒަރެއް އަރާފައެއް ނުވެއެވެ.