ސްރީލަންކާއަށް ކުރެއްވި ރަސްމީ ފުރަމާނަ ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއްކަން ފާހަގަކުރައްވައި، އެ ގައުމުން ދިވެހި ވަފުދަށް ބެހެއްޓެވި ގާތްކަމާއި، ދެއްވި ހޫނު މަރުހަބާއާއި މެހެމާންދާރީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.
ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ދަތުރުފުޅު ނިންމަވާލައްވައި އެނބުރި ވަޑައިގަންނަވަނީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމުގެ އާ އަޒުމަކާއެކު ކަމަށެވެ. އަދި އެމަނިކުފާނަށާއި، އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އިތުރުން ދިވެހި ވަފުދުގެ ބޭފުޅުންނަށް ސްރީލަންކާ ސަރުކާރާއި ރައްޔިތުން ދެއްވި އެކުވެރިކަމުގެ މަރުހަބާއަށްޓަކައި އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން ސްރީލަންކާގެ ރައީސާއި، ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާއާއެކު ތަފާތު އެކި ދާއިރާތަކުން ބޭއްވި މަޝްވަރާތަކަކީ ނަތީޖާ ނެރެވޭނެ މަޝްވަރާތަކެއްކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ. އެ މަޝްވަރާތަކުގެ ސަބަބުން ދެގައުމުގެ ގުޅުމާމެދު ވަރަށް ބޮޑު ހިތްވަރަކާއި އިތުބާރެއް ލިބިވަޑައިގެންފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، ދެގައުމުގެ ދެމެދުގައި އެއްބަސްވި ކަންކަމަކީ ދެގައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި މާނަހުރި ނަތީޖާތަކަކަށް ހެދުމަށްޓަކައި ގުޅިގެން މަސައްކަތް ކުރެއްވުމަށް އުންމީދު ކުރައްވާ ކަމަށެވެ.
ސްރީލަންކާއަކީ ރާއްޖެއާ އެންމެ ގާތް ގުޅުމެއް ބާއްވާ އަދި ދިވެހިންގެ ދެވަނަ ވަޒަން ކަމުގައި ގިނަ ބަޔަކު ސިފަކުރާ ގައުމެކެވެ. މޭ 3 އިން 6 އަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅަކީ، އެމަނިކުފާނު އެ ގައުމަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.
