ކޮލަމްބޯގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ އުފެއްދުންތައް ރަސްމީކޮށް މިއަދު ތައާރަފު ކޮށްފިއެވެ.
މިފްކޯގެ އުފެއްދުންތައް ލަންކާގެ ބާޒާރަށް ތައާރަފުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ސްރީލަންކާގެ މިނިސްޓާ އޮފް ޓްރޭޑް، ކޮމާސް، ފުޑް ސެކިއުރިޓީ އެންޑް ކޯޕަރޭޓިވް ޑިވެލޮޕްމަންޓް، ވަސަންތަ ސަމަރަސިންހަ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތަކީ މިފްކޯއިން މަހުގެ ބާވަތްތަކުން އުފައްދާ ވެލިއު-އެޑެޑް (އަގު އެއްކުރި) އުފެއްދުންތައް ބައިނަލްއަގުވާމީ ބާޒާރުގައި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ. މިރަސްމިއްޔާތުގެ ތެރެއިން މިފްކޯގެ އާ އުފެއްދުންތައް ދައްކާލުމުގެ އިތުރުން، އެ އުފެއްދުންތައް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ދިވެހި ސަގާފީ މަލާފަތެއް ވަނީ ހުށަހަޅާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ކެއްކުމުގެ ހުނަރު ދައްކާލުމަށް ތައްޔާރުކޮށްފައިވާ ސަރަހައްދަށް ޒިޔާރަތްކުރައްވައި، މިފްކޯގެ ބްރޭންޑްގެ ދަށުން ބާޒާރަށް ނެރެފައިވާ އުފެއްދުންތައް ބައްލަވާލައްވާފައެވެ. އަދި އެ ތަކެތި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ބައެއް ކާތަކެތީގެ ރަހަވެސް އެ މަނިކުފާނު ވަނީ ބައްލަވާލައްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްރީލަންކާގެ ޓްރޭޑް މިނިސްޓަރު ވަސަންތަ ސަމަރަސިންހަ ވިދާޅުވީ، މިފްކޯގެ އުފެއްދުންތައް ލަންކާއަށް ތައާރަފުކުރުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެ، ސްޓްރެޓީޖިކް ޓްރޭޑް ޕާޓްނާޝިޕަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ މި ފުރަމާނަ ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކޮށް، ހާއްސަކޮށް ވިޔަފާރިއާއި އިގްތިސާދީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ކުރައްވާ މުހިންމު ދަތުރުފުޅެކެވެ.
