ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަލާމަތް ކުރުމަށް މަސައްކަތްކުރުމަށް ވުރެ އިދިކޮޅުގައި އިސްކޮށް ތިއްބެވީ އެހެން މަގްސަދެއް ހާސިލް ކުުރައްވަން އުޅުއްވާ ބޭފުޅުން ކަމަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަދާލަތު ޕާޓީގެ ރައީސްކަން ވެސް ކުރައްވާ އިމްރާން ވަނީ މިދިޔަ ދުވަސްތަކުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށާއި، ޔާމީންގެ އިތުރުން އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވެ އެކިފަހަރު މަތިން ޓްވީޓް ކުރައްވާފައެވެ.
އެގޮތުގެ މަތިން ރޭ ކުރެއްވި ޓްވީޓެއްގައި އިމްރާން ވިދާޅުވީ، ޔާމީން ޖަލުން މިނިވަން ކުރުމަށްޓަކައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ވުރެ، އިދިކޮޅުގައި އިސްކޮށް ތިއްބަވާ ގިނަ ބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވަނީ އެހެން މަގްސަދެއް ހާސިލް ކުރެއްވުމަށްޓަކައި ކަމަށެވެ. އޭނާ ވިދާޅުވީ، ފެންނަ މަންޒަރުތަކަށް ބަލާލާއިރު، އެއް ދުވަހުން އަނެއް ދުވަހަށް އެކަން ހާމަވާ މިންވަރު ބޮޑުވަމުންދާ ކަމަށެވެ.
ސީދާކޮށް ވިދާޅުވާން އިމްރާނަށް ކެރިވަޑައި ނުގަންނަވާ އިރު، ނުސީދާކޮށް އިމްރާން އެ ވިދާޅުވަނީ އިދިކޮޅު އިސް ބޭފުޅުންނަށް ރަނގަޅީ ޔާމީން ޖަލުގައި އޮންނެވުމުން ކަމަށާއި އެ ބޭބޭފުޅުންގެ ތެެރޭގައި ގިނައީ ރިޔާސީ ޓިކެޓަށް ހިފާ ބޭފުޅުން ކަމަށް ބެލެވެއެވެ.
އިމްރާން ކުރައްވާ މިފަދަ ޓްވީޓްތަކަށް ލިބޭ ރިޕްލައިތަކަށް ބަލާލާއިރު، މިފަދަ ޓްވީޓްތަކުގެ ސަބަބުން އިމްރާނަށް ގިނަ ފާޑުކިއުންތަކެއް އަބަދު ވެސް އަމާޒުވެއެވެ.
އިމްރާން މިފަދައިން ޓްވީޓްކުރެއްވި އިރު، ޔާމީން މިނިވަންކުރުމަށް ގޮވާލާ އިދިކޮޅުން އަބަދު ވެސް ދަނީ ސިލްސިލާކޮށް އިހްތިޖާޖުކޮށް ހިނގާލުންތައް ބާއްވަމުންނެވެ. ކޮންމެ ރެއަކުހެން "ހަރާން ހުކުމް"ގެ ނަމުގައި ކުރިއަށް ގެންދާ ހިނގާލުމުގައި އިދިކޮޅުގައި ގިނަ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.
އިދިކޮޅުން މިހާރު ކުރިއަށް ގެންދާ "ހޯޕް" ކޮންފަރެންސް ފެށުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ޔާމީނަށް ވާދަނުކުރެއްވިއްޖެ ނަމަ ކުރިމަތިލައްވާނެ ބޭފުޅަކާ ބެހޭ ގޮތުން ގިނަ ބަޔަކު ސުވާލުކުރާ ކަމަށާއި، ނަމަވެސް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވާދަކުރައްވާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށެވެ. އަދި އިސްތިއުނާފުގެ މަރުހަލާގައި ޔާމީން މިނިވަންވެ ވަޑައިގެންނަވާނެ ކަމަށް ވިދާޅުވިއެވެ.