މާލޭގެ ތިން ސަރަހައްދަކުން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮތުމާއެކު، ޓްރާންސްފޯމަރު ބަހައްޓަން ބޭނުންވާ ބިން މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިދީފައި ނުވާތީ ސްޓެލްކޯ އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ ކުންފުނިން ބުނީ މާލޭގެ ތިން ސަރަހައްދެއްގައި ބަހައްޓާފައިވާ ތިން ސަބްސްޓޭޝަނެއްގައި އިތުރު ޓްރާންސްފޯމަރުތަކެއް ބެހެއްޓުމަށް ބޭނުންވާ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ބިން ހަމަޖައްސައި ދިނުމަށް ސިޓީ ކައުންސިލްގައި އެކި ފަހަރު މަތިން އެދިފައިވީ ނަމަވެސް ކައުންސިލުން އެކަން ހަމަޖައްސައިދީފައި ނުވާކަމަށެވެ.

ސްޓެލްކޯ އިން އިތުރު ޓްރާންސްފޯމަރުތަކެއް ބެހެއްޓުމަށް ބޭނުންވާ ސަބްސްޓޭޝަން ތަކަކީ ގާކޮށި ސަބްސްޓޭޝަން، ސިނަމާލޭ 2 ގޯތި ތެރޭގައި ހަދާފައިވާ ސަބްސްޓޭޝަން އަދި މަޖީދިއްޔާ ސްކޫލު ކުރިމައްޗަށްވާގޮތައް އޮތް ޕާކިންޒޯނާއި ދިމާލުގައި ހަދާފައިވާ ސަބްސްޓޭޝަނުގެ އިތުރުން، ވިޔަފާރިވެރިންގެ މިސްކިތާއި އިންވެގެން އޮތް ޕާކިން ޒޯނުގައި ހަދާފައިވާ ސަބްސްޓޭޝަންގައެވެ.

ސްޓެލްކޯ އިން ބުނީ މީގެ ތެރެއިން، ސިނަމާލޭ 2 ގޯތި ތެރޭގައި ބަހައްޓާފައިވާ 630 ކޭވީއޭގެ ޓްރާންސްފޯމަރަކީ މިހާރުވެސް، އޯވާލޯޑްވުމުގެ ސަބަބުން ކައިރީގައިހުރި އެހެން ޓްރާންސްފޯމަރުތަކަށް އޭގެ ބައެއް ލޯޑް ޓްރާންސްފާރ ކުރަންޖެހިފައިވާ ޓްރާންސްފޯމަރެއްކަމަށެވެ. އަދި މިހާރު އެ ލޯޑް ޓްރާންފަރކުރި ޓްރާންސްފޯމަރުތަށްވެސް އޯވާލޯޑް ވުމާއި ގާތަށްގޮސްފައިވާކަމަށެވެ. އިތުރަށް ސްޓެލްކޯ އިން ބުނީ މި ސަބްސްޓޭޝަނުގައި އިތުރު ޓްރާންސްފޯމަރެއް ބެހެއްޓުމަށްޓަކައި، އެ ސަބްސްޓޭޝަނަށް ބޭނުންވާ ބިން ހޯދުމަށް 2 މެއި 2021 ގައި ވަނަ ދުވަހު ސިޓީ ކައުންސިލްގައި ރަސްމީކޮށް އެދިފައިވާނެކަމަށާއި އެ ސިޓީއަށް ޖަވާބެއް ނުލިބުމާއި ގުޅިގެން އިތުރު ސިޓީތަކެއްވެސް ފޮނުވި، އެ ސިޓީތަކަށްވެސް ޖަވާބު ލިބިފައެއްނުވާކަމަށެވެ.

މީގެ އިތުރުން ސްޓެލްކޯ އިން ބުނީ ވިޔަފާރިވެރިންގެ މިސްކިތާއި އިންވެގެން ހުރި ޕާކިންޒޯން ހުރި ބިމުގައި ބަހައްޓާފައިވާ 630 ކޭވީއޭގެ ޓްރާންސްފޯމަރަކީ 81 އިންސައްތަ ޔުޓިލައިޒްކުރެވިފައިވާ ޓްރާންސްފޯމަރެއް ކަަމަށެވެ. އެހެންކަމުން އިތުރު ޓްރާންސްފޯމަރެއް ބެހެއްޓުމަށްޓަކައި، އެ ސަބްސްޓޭޝަން ބޮޑު ކުރުމަށް ބޭނުންވާ ބިން އެތަނުން ހަމަޖެއްސައިދިނުން އެދި 13 ސެޕްޓެމްބަރ 2021ގައި ސިޓީ އެއް ފޮނުވާފައިވާނެކަމަށާއި އެހެންނަމަވެސް އަދިވެސް އެ ސިޓީއަށްވެސް އެއްވެސް ޖަވާބެއް ލިބިފައިނުވާކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.

މަޖީދިއްޔާ ސްކޫލް ކުރިމަތީ ޕާކިންޒޯން ކައިރީގައި ބަހައްޓާފައިވާ 630 ކޭވީއޭގެ ޓްރާންސްފޯމަރުގެ 73 އިންސައްތަ ޔުޓިލައިޒް ކުރެވިފައިވާއިރު، އެ ސަބްސްޓޭޝަނުގައި އިތުރު ޓްރާންސްފޯމަރެއް ބެހެއްޓުމަށްޓަކައި، އެ ސަބްސްޓޭޝަނާއި އިން ވެގެންއޮތް ހުސް ބިންކޮޅެއް ހަމަޖައްސައިދިނުމަށްވެސް ސިޓީ ކައުންސިލްގައި އެދިފައިވާނެކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ. އަދި 23 މެއި 2021 ގައި އެކަމަށް އެދި ސިޓީކައުންސިލަށް ރަސްމީކޮށް ހުށަހަޅާފައިވީ ނަމަވެސް ސިޓީގެ ޖަވާބު ހޯދުމަށް އޭގެ ފަހުން ފޮނުވާފައިވާ ސިޓީތަކަށްވެސް މިއަދާ ހަމަޔަށް އެއްވެސް ޖަވާބެއް ލިބިފައެއްނުވާކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ. އަދި މި ޓްރާންސްފޯމަރުތަށް ބެހެއްޓުމަށްޓަކައި ބޭނުންވާ ބިންތަކުގެ ކުރެހުންތައްވެސް ސިޓި ކައުންސިލާ ހިއްސާކޮށްފައިވާނެކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ސްޓެލްކޯ އިން ބުނީ މި ސަބްސްޓޭޝަން ތަކުގެ ހާލަތު ބަޔާންކޮށް، ސިޓީ ކައުންސިލަށް ފޮނުވާފައިވާ ސިޓީތަކުގައި އެ ޓްރާންސްފޯމަރުތައް އަވަސް ގޮތެއްގައި ނުބެހެއްޓިއްޖެނަމަ އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިއަށްއޮތް ދުވަސްތަކުގައި ކަރަންޓު ކެނޑުންފަދަ ދަތިތަކާއި ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކަކީ ހޫނު މޫސުމުގެ ދުވަސްތަށް ކަން ފާހަގަކޮށް ސްޓެލްކޯ އިން ބުނީ ރޯދަމަހު މި ޓްރާންސްފޯމަރުތައް އޯވާރލޯޑްވެ، ކަރަންޓު ކެނޑުންފަދަ ކަންކަން ދިމާވެދާނެކަމަށެވެ. އެހެންކަމުން މި ބިންތައް ހަމަޖެހި މި ޓްރާންސްފޯމަރުތައް ވީއެންމެ އަވަހަކަށް ބެހެއްޓުމަށް އެ ކުންފުނިން ބޭނުންވާކަމަށާއި އަދި މިކަމަށްޓަކައި ބޭނުންވާ ޓްރާންސްފޯމަރުތަކާއި، އެހެނިހެން އާލާތްތައްވެސް އެކުންފުނީގައި މިހާރު ހުރިކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.

ސްޓެލްކޯ އިން އިތުރަށް ބުނީ 2021 ވަނަ އަހަރުން ފެށިގެން އެދެމުންދާގޮތަށް ބިން ހަމަޖައްސައިނުދީފިނަމަ މާލޭގެ ބޮޑު ތިން ސަރަހައްދަކުން ކަރަންޓު ކެނޑުމުގެ ފުރުސަތުއޮތް ކަން އަދި އެކަމުގެ ސަބަބުން އުނދަގޫތަކެއް ރައްޔިތުން ތަހައްމަލްކުރަންޖެހިދާނެ ކަން ބަޔާންކޮށް އެކުންފުނިން މިކަންކަމާއި ގުޅިގެން ތަކުރާރުކޮށް ފޮނުވާފައިވާ ސިޓީތަކަށް އެއްވެސް ޖަވާބެއް ލިބިފައި ނުވާކަމަށެވެ.

އެހެންނަމަވެސް މާލޭގެ 9 ނަންބަރު ކޮށި (ހ. ދޫވެހި ހުންނަ) ސަރަހައްދުގައި އިމާރާތްކުރަމުންދާ ފަރާތްތަކުން އެ ފަރާތްތަކަށް ކަރަންޓު ކަނެކްޝަން ހެދުމަށް ބޭނުންވާ ޓްރާންސްފޯމަރެއް ބަހައްޓައިދިނުމަށް އެދެމުންދާކަމަށްބުނެ، މާލޭ ސިޓީކައުންސިލްގެ އިސްނަގައިގެން އާޓިފިޝަލް ބީޗްގައިވާ ވޮލީކޯޓާއި އިންވެގެން އޮތް ސަރަހައްދުން ކަނޑައަޅާ 24 އޮކްޓޯބަރ 2022 ގައި ސިޓީ ކައުންސިލްގެ ސިޓީއެއް މިކުންފުންޏަށް ލިބިފައިވާކަމަށެވެ. އެހެން ނަމަވެސް އެ ސަރަހައްދުން ކަރަންޓަށް އެދި ހުށަހަޅާ އެއްވެސް ފަރާތަކަށް ކަރަންޓު އެކުންފުނިން ނުދެވޭނެ އެއްވެސް ސަބަބެއް ނެތްކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.

އެކުންފުނީގެ ސަބްސްޓޭޝަންތަކަށް ބިން އިތުރުކުރުމަށް އެދި ހުށަހަޅާފައިވާ ބިންތައް އެކުންފުންޏަށް ހަމަޖައްސައިދިން ނަމަވެސް، އެކަމުގެ ސަބަބުން އެއްވެސް ބަޔަކަށް ނުވަތަ ބައެއްގެ ބިމަކަށްވެސް ގެއްލުމެއްވެސް އަދި އަސަރެއްވެސް ނުކުރާނެކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ. އަދި ރައްޔިތުންނަށް އެކުންފުނިން ދެމުންގެންދާ ހިދުމަތް އޭގެ އެންމެ ފުރިހަމަގޮތުގައި އަދި މެދު ނުކެނޑި ފޯރުވައިދިނުމަށް ކަމާއިބެހޭ އެންމެހާ ފަރާތްތަކުންވެސް އެއްބާރުލުން ދެއްވާ، ޒިންމާދާރުކަމާއެކު، އެ ކުންފުންޏާއި ގުޅިގެން އެކީގައި މަސައްކަތްކުރުމަށް ސްޓެލްކޯ އިން ވަނީ އެދިފައެވެ.