ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ވިނަރެސް ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް އާންމު ކޮށްފިއެވެ.

އެޗްޑީސީން ވިނަރެސް ފްލެޓް ލިބޭ މިހުންގެ ދާއިމީ ލިސްޓް އާންމުކޮށްފައި ވަނީ ވިނަރެސް ހައުސިން މަޝްރޫއު އިން އެޕާޓްމަންޓް ގަތުމަށް ހުޅުވާލި ފުރުސަތުގައި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓް އިއުލާނުކޮށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލުމަށް ފަހު ޝަކުވާތަކަށް ބަލައި ލިސްޓް މުރާޖައާ ކުރުމަށް ފަހުގައެވެ. މި ލިސްޓްގައި ސީލައިފް ހިޔާ އަދި ގުޅީފަޅު ކެޓަގަރީގެ އެއްވެސް ފަރާތެއް ހިމަނާފައެއް ނުވެއެވެ.

މައި-އެޕްލިކަންޓް އަދި ކޯ-އެޕްލިކަންޓް ގޮތުގައި އެއް ފޯމަށްވުރެ ގިނަ ފޯމުގައި ނަން ހިމަނާފައިވާ ފަރާތްތަކަށް ކުރިއަށް ދެވެނީ އެންމެ ފޯމަކާ އެކީ ކަމަށް ވާއިރު ދެމަފިރިން ވަކިން ފޯމު ހުށާހަޅާފައި ވީނަމަވެސް، އެފަދަ ފަރާތްތަކަށް ދެވޭނީ އެންމެ ފްލެޓެއް ގަތުމުގެ ފުރުސަތު ކަމަށް އެޗްޑީސީއިން ބުނެފައި ވެއެވެ. އަދި މިފަދަ ފަރާތްތަކަށް މިކަން ހައްލުކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް އެޗްޑީސީ އިން ވަނީ ބުނެފައެވެ.

އެޗްޑީސީއިން އިތުރަށް ބުނީ ވިނަރެސް މަޝްރޫއު އިން އެޕާޓްމެންޓް ގަތުމަށް ކުރިއަށް ދެން އޮތް މަރުހަލާއަކީ އާންމު އުސޫލުގެ ދަށުން ޝަރުތުހަމަވާ މީހުންގެ މާލީ ގާބިލިއްޔަތުކަން ބެލުން ކަމަށާއި މި މަރުހަލާ ނިމުމުން ބުކިން ފީ ނަގާ ވިނަރެސް އެޕާޓްމެންޓް އިހްތިޔާރު ކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ.

ލީސް ޓް އޯން އަދި ފުލް ޕޭމަންޓް މޮޑެލް އިހްތިޔާރު ކުރި ފަރާތްތަކުގެ މާލީ ގާބިލިއްޔަތުކަން ބަލައި ތާޑް ޕާޓީ މެދުވެރިކޮށް އިވެލުއޭޝަން ކުރިއަށް ގެންދާއިރު އެޕާޓްމްންޓް ކަށަވަރު ވާނީ މާލީ ގާބިލިއްޔަތުކަން ފުރިހަމަވާކަން ތާޑް ޕާޓީ އިވެލުއޭޓަރުން ނިންމުމުންނެވެ.

އެންޑް ޔޫސާ މޮޑެލް ހިޔާރު ކުރި ފަރާތްތަކަށް އެޕާޓްމެންޓް ބުކިން ފީ ދައްކާ އެޕާޓްމެންޓް އިހްތިޔާރު ކުރުމުގެ މަރުހަލާ ނިމުމުން މާލީ އިދާރާތަކަށް ހުށައަޅަން ޖެހޭ ލިޔުންތައް އެޗްޑީސީއިން ހިއްސާ ކުރާނެއެވެ. އަދި އެޕާޓްމެންޓް ކަށަވަރު ވާނީ މާލީ އިދާރާތަކުން ލޯން ހަމަޖެހުނު ކަމުގެ ލިޔުން އެޗްޑީސީއަށް ހުށައެޅުމުންނެވެ.

ލިސްޓްގައި ހިމެނޭ ފަރާތްތަކަށް ހަމައެކަނި މުއާމަލާތު ކުރާނީ އެޗްޑީސީގެ ނަމްބަރު 3353535 މެދުވެރިކޮށް ފޯނުގެ ޒަރީއާ އިންނެވެ. އިތުރު އެހެން ނަންބަރަކުން ނުގުޅާނެ ކަމަށާއި އެސްއެމްއެސް އަދި ލިންކެއް ވެސް ނުފޮނުވާނެކަން ފާހަގަކޮށް އެޗްޑީސީއިން ވަނީ ސަމާލުވުމަށް ބުނެފައެވެ.