ކުންފުނިތަކުން ދޭ ހިދުމަތް ދިނުމަށް މާލޭގައި މަގު ކޮނެގެން ކުރާ މަސައްކަތްތަކަށް ސިޓީ ކައުންސިލަށް ދައްކާ ފީ ބޮޑުކޮށް މާލޭ ސިޓީ ކައުންސިލުން ހެދި އުސޫލު ބާތިލް ކުރަން ސްޓެލްކޯ އިން ހައިކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

ސްޓެލްކޯ އިން ބުނީ އެ އުސޫލަކީ ހިދުމަތްތަކުގެ އަގު ބޮޑުކުރުމަށްޓަކައި ގާނޫނާ ހިލާފަށް ހަދާފައިވާ އުސޫލެއް ކަމަށް ވާތީ އެ އުސޫލު ބާތިލްކުރަން ހައިކޯޓަށް މިއަދު ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު އެ މައްސަލަ ހައިކޯޓުން އަދި ބަލައެއް ނުގަނެއެވެ.

މާލޭގެ މަގުތައް ކޮނުމަށް ސިޓީ ކައުންސިލުން ނަގަމުން އައި ފީ ތައް ވަނީ 154 ޕަސެންޓް ބޮޑުކޮށްފައި ކަމަށް ސްޓެލްކޯއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ. ފީތައް އެ ގޮތައް ބޮޑުކުރި އިރު އެކަމާ ގުޅިގެން ސްޓެލްކޯއާ މަޝްވަރާ ކޮށްފައި ނުވާ ކަމަށާއި އަދި މަގު ކޮނެގެން ހިދުމަތް ދެމުން އަންނަ ކުންފުނިތައް ކަމަށްވާ އެމްޑަބްލިއުއެސްސީއާއި، އުރީދޫ އާއި ދިރާގާއި އާރުއޯއެލް ފަދަ ކުންފުނިތަކާ ވެސް މާލެ ސީޓީ ކައުންސިލުން މަޝްވަރާކޮށްފައި ނުވާ ކަމަށް ޝަރީފް ފާހަގަ ކުރެއްވިއެވެ.

ލާމަރުކަޒީ އުސޫލުން ކައުންސިލްތަކަށް ލިބިފައިވާ ބާރުގެ ދަށޫން އުސޫލުތައް ހެދޭ ގޮތަށް އޮތް ނަމަވެސް އުސޫލުތައް ހަދައި ބަދަލުތައް ގެނެވޭނީ ލޯކަލް ގަވާމަންޓް އޮތޯރިޓީގެ ލަފާވެސް ހޯދައިގެން ކަމަށް ޝަރީފް ފާހަގަ ކުރެއްވިއެވެެ. ނަމަވެސް މާލެ ސިޓީ ކައުންސިލުން އާ އުސޫލު ހަދާފައި ވަނީ އެލްގީއޭއާވެސް މަޝްވަރާ ކުރުމެއް ނެތި ކަމަށް ޝަރީފް ވަނީ ފާހަގަ ކުރައްވާފައެވެ. އެހެންކަމުން ގަވާއިދާ ހިލާފަށް ހަދާފައިވާ އެ އުސޫލުތައް ބާތިލް ކުރުމަށް މައްސަލަ ކޯޓަށް ގެންދާނެ ކަމަށް އިއޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުުގައި ޝަރީފް ވަނީ ވިދާޅުވެފައެވެ.

ސްޓެލްކޯއިން މި ކަންބޮޑުވުން ހިއްސާކޮށްފައިވާ އިރު މާލެ ސިޓީ ކައުންސިލުން ބުނެފައި ވަނީ، އާ އުސޫލުގެ ދަށުން އަސާސީ ހިދުމަތްތަކަށް މަގު ކޮންނަ ނަމަ ފީއެއް ނުނަގާނެ ކަމަށެވެ.

ސިޓީ ކައުންސިލާއި ސްޓެލްކޯއާ ދެމެދު ގިނަ މައްސަލަތަކެއް ހުރެ ދެ ފަރާތުން ވެސް ދިފާއުގައި ވާހަކަތައް ދައްކަމުން އަންނަ ތަން ފެނެއެވެ. އެ ގޮތުން ސްޓެލްކޯއަށް ދައްކަން ޖެހޭ ކަރަންޓް ބިލްގެ ފައިސާ މާލެ ސިޓީ ކައުންސިލުން ނުދައްކާ މައްސަލައިގައި މިދިޔަ މަހު މާލެ ސިޓީ ކައުންިސލްގެ ބައެއް އިމާރާތްތަކުން ވަނީ ކަރަންޓުވެސް ކަނޑާލާފައެވެ. ސްޓެލްކޯއިން ބުނާ ގޮތުގައި މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް ނުދައްކާ ހުރި ބިލްތަކުގެ ޖުމްލަ އަދަދަށް ބަލާއިރު، 21 މިލިއަން ރުފިޔާ މާލެ ސިޓީ ކައުންސިލުން ދައްކަން ޖެހޭ ކަމަށެވެ.

މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ބުނެފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް 10 މިލިއަން ރުފިޔާ ކަރަންޓް ބިލްތަކަށް ދައްކާފައި ވާނެ ކަމަށާއި ނުދެއްކި މިހާރު ބާކީ ހުރި އަދަދަކީ 16 މިލިއަން ރުފިޔާ ކަމަށެވެ. ކަރަންޓް ބިލްތަކުގެ ތަފްސީލް ދިނުމަށް ފަހު މާލެ ސިޓީ ކައުންސިލުން ވަނީ ސްޓެލްކޯއިން ބޭނުން ކުރާ 49 ބިމަކަށް ދައްކަން ޖެހޭ ބިމުގެ ކުއްޔަށް ވާ 68 މިލިއަން ރުފިޔާ ނުދައްކާ އޮތް މައްސަލައެއްގެ ވާހަކަ ވެސް ދައްކާފައެވެ.

މިކަމާ ގުޅިގެން ސްޓެލްކޯއިން ބުނެފައި ވަނީ، މިހާރު ބިމު ކުލީގެ ފައިސާގެ ގޮތުގައި ނުދައްކާ އެއްވެސް ފައިސާ އެއް ނޯންނާނެ ކަމަށާއި ހަމައެކަނި ނުދައްކާ އޮތީ މީރާއަށް ދައްކަން ޖެހޭ ޖޫރިމަނާ ފައިސާއަށް ވާ 1.4 މިލިއަން ރުފިޔާ ކަަމަށެވެ. އެ ފައިސާ މައާފްކޮށް ދިނުމަށް އެދިފައިވާނެ ކަމަށާއި މައާފް ނުކޮށް ދީފި ނަމަ އެ ފައިސާ ވެސް ދައްކާ ހަލާސް ކުރާނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

އެހެންކަމުން ސްޓެލްކޯއަށް މާލެ ސިޓީ ކައުންސިލުން ދައްކަން ޖެހޭ ކަރަންޓް ބިލު ނުދެއްކުމަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނެތް ކަމަށާއި، އަވަހަށް ކަރަންޓު ބިލްތައް ދެއްކުމަށް ޝަރީފް ވަނީ ގޮވާލައްވާފައެވެ. އަދި ކަރަންޓް ބިލްތައް ނުދައްކާނަމަ އަނެއްކާވެސް ކަރަންޓް ކަނޑާލާނެ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.