ޓޫރިޒަމް މިނިސްޓްރީން ރިސޯޓު ތަރައްގީ ކުރަން ބީލަމަށް ހުޅުވާލި ރަށްތަކުގެ ތެރެއިން މ. ބޯހުރާ ލިސްޓުން އުނިކޮށްފިއެވެ.
ޓޫރިޒަަމް މިނިސްޓްރީން 14 ރަށެއް ރިސޯޓް ތަރައްގީ ކުރަން ހުޅުވާލީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. އެލިސްޓުން ބޯހުރާ އުނިކޮށްފައި ވަނީ އެކަމާ ދެކޮޅަށް އެތައް ބަޔަކު އަޑުއުފުލުމާ ގުޅިގެންނެވެ.
ބޯހުރާގައި ރިސޯޓު ތަރައްގީ ކުރަން ބިޑަށް ލުމުން ސާފްކުރުމުގައި ހަރަކާތްތެރިވާ ގިނަ ޒުވާނުންނާއި ޖަމިއްޔާތަކުން ކަންބޮޑުން ފާޅުކޮށްފައި ވާއިރު ސޭވް އަވާ ވޭވްސް ޖަމިއްޔާއިން ވަނީ ބޯހުރާއަކީ ރާއްޖޭގައި ސާފިންއަށް އޮތް އެންމެ ރަނގަޅު އެއް ތަން ކަމަށް ވުމުން އެތަން ރިސޯޓު ހަދަން ދޫކުރުން ބަލައިގަންނަން ދަތި ކަމަށް ބުނެފައެވެ.
އެ ކަންބޮޑުވުންތަކާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން މިދިޔަމަހުގެ 26 ވަނަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މިނިސްޓްރީން ރިސޯޓް ތަރައްގީ ކުރުމަށް ހުޅުވާލި ރަށްތަކުގެ ތެރޭގައި ހިމެނޭ ބޯހުރާ ބީލަމަށް ހުޅުވާލާފައި ވަނީ އެރަށް ހިއްކުމަށް ހުއްދަ ދޭގޮތަށް ނޫން ކަމަށެވެ.
ބޯހުރާގެ ބައުންޑްރީގައި އެރަށާއި ކައިރީގައިވާ، މަޝްހޫރު ސާފް ޕޮއިންޓް ނުހިމެނޭ ކަމަށާ ޓޫރިސްޓް ރިސޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓް ހައުސް އަދި ޔޮޓް ބަނދަރު ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުގެ ފަޅު ސަރަހައްދު ކަނޑައެޅުމާބެހޭ ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން ބޯހުރާގެ ބައުންޑްރީ ކަނޑައަޅާނީ އެ ސާފް-ޕޮއިންޓް ވަކިކުރުމަށްފަހު ކަމަށް މިނިސްޓްރީން އޭރު ބުންޏެވެ.
އިއްޔެ ޓޫރިޒަމް މިނިސްޓްރީން ވަނީ އެ ބިޑުގެ ލިޔެކިޔުންތަކަށް ބަދަލުތަކެއް ގެނެސް، ލިސްޓުން ބޯހުރާ އުނިކޮށް އަލުން އިއުލާން ކޮށްފައެވެ. އަދި 6 ފެބްރުއަރީގައި ބާއްވަން އޮތް މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުން 7 ފެބްރުއަރީއަށް ވަނީ ފަސްކޮށްފައެވެ. މި ބައްދަލުވުމުގެ ތާރީހަށް ބަދަލު ގެނައީ ފެބްރުއަރީ ހަވަނަ ދުވަހަކީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަހަށް ވެފައި އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައި ވާތީ އެވެ.
ޓޫރިސްޓް ރިޒޯޓް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ހުޅުވާލި ރަށްތަކުގެ ތެރެއިން އެންމެ ބޮޑު އަގެއް، އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައްކަން ޖެހެނީ ކާށިދޫ އާއި ނިލަންދޫ ފަޅަށެވެ. ކާށިދޫ ފަޅުން 10 ހެކްޓަރުގެ ސަރަހައްދަކާއި ނިލަންދޫގެ ފަޅުތެރެއިން 10 ހެކްޓަރުގެ ދެ ސަރަހައްދެއް ވަނީ ރިސޯޓް ތަރައްގީ ކުރުމަށް ދޫކުރަން ނިންމާފައެވެ. މި ތިން ސަރަހައްދު އެންމެ ދަށް ލޭންޑް އެކުއިޒިޝަން ކޮސްޓެއްގެ ގޮތުގައި 2.2 މިލިއަން ޑޮލަރު (34 މިލިއަން ރުފިޔާ) ހުށަހަޅަން ޖެހެއެވެ.