ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު އެއް ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅިގެން ޝައްކުކުރެވޭ މުއާމަލާތެއް އޭސީސީއަށާއި ފުލުހުންނަށް ހުށަހެޅި ފަހުން މަގާމުން ދުރުކުރި އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ ވެރިޔާ އަބްދުﷲ އަޝްރަފަށް އެ މަގާމު އަލުން ދީފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައާ ގުޅިގެން، އޭރު އެފްއައިޔޫގެ ވެރިޔަކަށް ހުރި އަޝްރަފް އެމްއެމްއޭގެ ޕްލޭނިން ސެކްޝަނަށް ބަދަލުކުރީ، ޔާމީންގެ އެކައުންޓުން ކުރި ޝައްކުކުރެވޭ މުއާމަލާތްތަކެއް ފުލުހުންނަށް ހުށަހެޅި ފަހުން 2018، ސެޕްޓެމްބަރު 17 ގައެވެ. އެ މައްސަލައާ ގުޅުންހުރި ކަންކަން އެ ޔުނިޓުން ހުށަހެޅީ އޭގެ ތިން ދުވަސް ކުރިންނެވެ.

ފެބްރުއަރީ 2019 އިން ފެށިގެން އެފްއައިޔޫގެ ވެރިއަކަށް ހުންނެވި އިބްރާހީމް އަހްމަދު ނާސިރު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އަޝްރަފް އަލުން އެ މަގާމަށް އައްޔަނުކުރީ އިއްޔެއެވެ. އޭނާ އެންމެ ފަހުން އަދާކުރެއްވީ އެމްއެމްއޭގެ ސްޓްރެޓަޖިކް ޕްލޭނިން އެންޑް ޑިވެލޮޕްމަންޓް ސެކްޝަނުގެ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް އެގްޒެކެޓިވްގެ މަގާމެވެ.

އެފްއައިޔޫ އަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ހަރަދުކުރުމާއި ކުށްކޮށްގެން ހޯދާ މުދަލާ ގުޅޭ މައުލޫމާތުތައް ކަމާބެހޭ ފަރާތްތަކަށް ފޮނުވަން ހަދާފައިވާ އެމްއެމްއޭގެ ޔުނިޓެކެވެ. އެ މަގާމަށް އައްޔަނުކުރުމުގެ ބާރު ލިބިގެން ވަނީ އެމްއެމްއޭގެ ގަވަރުނަރަށެވެ. ނަމަވެސް އެމްއެމްއޭގެ ގަވަރުނަރަށް އެ ޔުނިޓަކަށް ބާރެއް ނުފޯރުވޭނެއެވެ.

ޔާމީންގެ މައްސަލަ ހުށަހެޅި ފަހުން އަޝްރަފް އެމްއެމްއޭގެ އެހެން މަގާމަކަށް ބަދަލުކުރުމުން، އޭނާ އާ މެދު ފިޔަވަޅު އަޅާފައި ވަނީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހެޅުއްވިއެވެ. އެ މައްސަލައިގައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ކުރީގެ ގަވަރުނަރު އަހްމަދު ނަސީރު ހާޒިރުކުރިއެވެ.

އަޝްރަފް ތުހުމަތުކުރެއްވި ގޮތުގައި، ގަވަރުނަރުކަމުގައި ހުންނަވައި ނަސީރު އެފްއައިޔޫގެ ކަންކަމަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވިއެވެ. އަޝްރަފް އޭރު ވިދާޅުވި ގޮތުގައި، ނަސީރު އޭނާ އާ ދެފަހަރެއްގެ މަތިން ބައްދަލުކުރައްވައި އެފްއައިޔޫ އަށް ނުފޫޒު ފޯރުވަން މަސައްކަތްކުރެއްވިއެވެ. ނަމަވެސް ނަސީރު އެ ތުހުމަތުތައް އޭރު ދޮގުކުރެއްވިއެވެ. އެކަމަކު މައްސަލަ ހިނގަމުން ދަނިކޮށް، އޭނާ ވަނީ 2019، ޖުލައި 24 ގައި މަގާމުން އިސްތިއުފާ ދެއްވާފައެވެ.