ނެޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ފޭސް ރިކޮގްނިޝަން ޓެކްނޮލޮޖީގެ އެހީގައި އީފާސް ވެރިފައި ކުރެވޭ ގޮތް ހަމަޖައްސައިފިއެވެ.
އީ ފާހަކީ 2012 ވަނަ އަހަރުން ފެށިގެން ސަރުކާރާއި ދައުލަތުގެ ބައެއް މުއައްސަސާތަކުން އޮންލައިންކޮށް ހިދުމަތްތައް ފޯރުކޮށްދިނުމުގައި، ހިދުމަތް ހޯދަން އަންނަ ފަރާތަކީ ކާކުކަން ޑިޖިޓަލްކޮށް ކަށަވަރުކުރުމަށް ބޭނުންކުރަމުން އަންނަ ޑިޖިޓަލް އައިޑެންޓިޓީ ނިޒާމަކަށްވާއިރު ޖުމްލަ 137 ހާހަށްވުރެ ގިނަމީހުން ދަނީ މި ހިދުމަތް ބޭނުންކުރަމުންނެވެ.
މި ހިދުމަތާ ބެހޭ މައުލޫމާތު ހިއްސާ ކުރަމުން އެންސީއައިޓީ އިން ބުނީ، އަލަށް ތައާރަފު ކުރި ވެބް ވާޝަނުގެ ސަބަބުން ކޮންމެ ތާކު އަދި ކޮންމެ ވަގުތެއްގައިވެސް އަމިއްލައަށް އީފާސް ވެރިފައި ކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށެވެ. މީގެ އިތުރުން އީފާސް ނިސްބަތްވާ މީހާގެ އީފާސް ކަން ކަށަވަރު ކުރެވި، ހިދުމަތް ފޯރުކޮށްދެވޭ ފަރާތަކީ ސައްހަ ފަރާތްކަން ފަސޭހަކަމާއެކު ދެނެގަނެވޭނެ ކަމަށެވެ.
މި ބަދަލުގެ އިތުރުން، އީފާސްގެ މޯބައިލް އެޕްވެސް ތަރައްގީ ކުރެވިފައިވާ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ. އަދި އީފާސް ބޭނުން ކުރެވެމުން ދާގޮތުގެ މައުލޫމާތު ފަސޭހައިން ބަލާލެވޭނެ ގޮތަށް ފަރުމާކޮށްފައިވާ މި ވެބް އެޕް އިން ލޮގިން ކޮށްފައިވާ ޕޯޓަލްތަކާއި، އެޕޯޓަލްތަކާއި ހިއްސާކޮށްފައިވާ ޒާތީ މައުލޫމާތު ބަލާލެވޭނެއެވެ.
މީގެ ކުރިން އީފާސް ވެރިފައި ކުރެވެނީ އީފާސް ރެޖިސްޓާ ކޮށްދިނުމުގެ ހިދުމަތްދޭ ސަރުކާރުގެ އިދާރާތަކަށް ގޮސްގެންނަމަވެސް މިހާރު މިކަމަށް މިވަނީ ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސާދީފައެވެ.
ނިމިދިޔަ އަހަރު ވެސް އީފާސްގެ ނިޒާމް މެދުވެރިކޮށް 5.1 މިލިއަން ފަހަރު، އެކިއެކި ހިދުމަތްތައް ހޯދުމަށް ބޭނުންކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
އީފާސް ވެރިފައިކުރުމަށް ބޭނުންވާ ފަރާތްތަކުން efaas.egov.mv އަށް ލޮގިން ކޮށްގެން ފަސޭހަކަމާއި އެކު ވެރިފައި ކުރެވޭއިރު އިތުރު އެހީތެރިކަމެއް ބޭނުންވާ ނަމައީ އެންސައިޓީގެ ހެލްޕް ޑެސްކް 3345050 ރަސްމީ ގަޑީގައި ގުޅައިގެން މައުލޫމާތު ސާފުކުރުމަށް އެއިދާރާއިން އދިލެއްވިއެވެ.