ހދ. ހުޅުދެލި ފަޅުން ހިއްކެން އޮތް އެންމެ ބޮޑު މިންވަރަށް ބިން ހިއްކާނެ ކަމަށާއި އެ މަސައްކަތުގެ އަމަލީ މަސައްކަތް އަންނަ ޖުލައި މަހުގެ ތެރޭގައި ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދ. އަތޮޅަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެންމެ ފަހު މަންޒިލް ކަމަށްވާ ހުޅުދެއްޔަށް މިއަދު ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، އެމަނިކުފާނު ވެވަޑައިގެން ވައުދުފުޅުތައް ފުއްދަވައިދެއްވާނެ ކަމަށެވެ. އެގޮތުން އެ ރަށުގެ ރައްޔިތުން އެދޭ ގިނަ ކަންކަމުގެ އމަަލީ މަސައްކަތް މި އަހަރު ތެރޭ ފަށައިގެން ކުރިއަށް ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ހުޅުދެލީގައި ހިންގާ މަޝްރުއުގެ ތެރެއިން އެންމެ މުހިއްމު އެއްނެ ކަމަކީ ބިމުގެ ދަތިކަން ހައްލުކޮށް ދިނުމަށް ފަށާ މަޝްރޫއުކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެ ރަށުގެ ފަޅު ތެރެއިން ބިން ހިއްކެން އޮތް އެންމެ ބޮޑު މިނެއްގައި ބިން ހިއްކައި އެ ބިން ހިމާޔަތް ކޮށް ދިނުމަކީ އެންމެ މުހިއްމު އެއް މަޝްރޫއު ކަމަށާއި ކުރިއަށް މިއޮތް ހަފްތާތކުގައި އެ މަސައްކަތުގެ އެގްރިމަންޓްގެ ކަންކަން ނިންމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ކޮންސްޓަރަކްޝަން މިނިސްޓްރީ އާއި އެމްޓީސީސީއާ އެކު އެގްރިމަންޓް ހެދުމަށް ނިންމަންޖެހޭ ކަންކަން މިހާރު ކުރަމުން އަންނަ ކަމަށް ރައިސް ވިދާޅުވިއެވެ.

މިކަން ނިމުމުން އެ ރަށުގެ ފަޅުތެރެެއިން ބިން ހިއްކެން އޮތް އެންމެ ބޮޑު ޖާގައަށް އީއީއޭގެ މިންގަނޑުތަކަށް ފެތޭ ގޮތަށް ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަހަރުތެރޭ އެންމެ ލަސްވެގެން ޖުލައި މަހުގެ ތެރޭގައި ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަސައްކަތް ފެށުމަށް ފަހު ހުއްޓާލާނީ އެންމެ ބާރު ސްޕީޑުގައި އެ މަސައްކަތް ކުރިއަސް ގެންގޮސް ނިންމުމަށް ފަހުގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެއްގޮތަކަށް ވެސް ދެން ބިމުގެ ދަތިކަަމަށް ހައްލު ނުލިބި އިންތިޒާރު ކުރަން ނުޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.