އއ.މަތިވެރިން 73 އަހަރުގެ ދުވަސްވީ ފިރިހެނެއް ގެއްލިގެން ހޯދަމުންދާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

ކައުންސިލްގެ ފަރާތުން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ، ގެއްލިގެން ހޯދަމުން ދަނީ އެރަށު ހަސަން އަލީ (ހަސަންފުޅު) ނަމަކަށް ކިޔާ މީހެއް ކަމަށާއި ލަފާ ކުރެވޭ ގޮތުގައި ރޭގެ ވަގުތަކުން ފެށިގެން އެމީހާ ފެނިފައިނުވާ ކަމަށެވެ.

މިހާރު ރަށުގެ ރައްޔިތުންނާއި ޕޮލިހުން ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށާއި ނަމަވެސް މިހާތަނަށް އަދި ފެނިފައި ނުވާ ކަމަށް ކައުންސިލުން ބުނެއެވެ.

އިތުރަށް ކައުންސލިުން ބުނީ އެމީހާ އުޅޭ ގެއިން ފީނަން ބޭނުންކުރާ މާސްްކް އެއް މަދުވާ ކަމަށާއި ބޮޑަށް ލަފާ ކުރެވޭ ގޮތުގައި ފީނަން ނުވަތަ މަސްދާ އަޅަން ދިޔައީ ކަމަށް ބެލެވޭ ކަމަށެވެ. މީގެ ކުރިންވެސް އެކަނި މަސްބާނަނާށާއި ދާ އަޅަންދާ ހަސަންބެ އަކީ ހިތްހެޔޮ އެންމެނާ ވެސް ގުޅޭ މީހެއްގެ ގޮތުގައި ކައުންސިލުން ސިފަކުރެއެވެ.

ގެއްލުނު މީހާ ހޯދުމުގެ މަސައްކަތުގައި އއ މަތިވެރި ރައްޔިތުން ހަރަކާތްތެރި ވަނީ / ފޮޓޯ: ކައުންސިލް

މެދުކެނޑުމެއްނެތި އެމީހާ ހޯދުމުގެ މަސައްކަތް ޑްރޯންއާއި ޑިންގީގެ އެހީގައި ކުރަމުންދިޔަ ނަމަވެސް ފެނިފައި ނުވުމުން ކޯސްޓްގާޑުގެ އެހީތެރެިކަމަށް އެދުމުން މިހާރު ކޯސްޓްގާޑް ދަނީ އެރަށަށް ދަތުރު ކުރަމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދިން ގޮތުަގައި އުމުރުން 73 އަހަރުގެ ފިރިހެނަކު ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓެއް ލިބުނީ މިއަދު ހެނދުނު 9:35 އެހާއިރުއެވެ.