އއ. މަތިވެރީގައި ކުނި މެނޭޖްކުރާ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެ ވަޑައިގެންނެވި މި ރަސްމިއްޔާތުގައ،ި މިނިސްޓަރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ތާރިގް އިބްރާހީމް، މަތިވެރީ ދާއިރާގެ މެންބަރު ހަސަން ޒަރީރު، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުގެ އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

1080 މީހުންގެ އާބާދީއެއް ދިރިއުޅޭ މަތިވެރީގެ ރައްޔިތުން އާމްދަނީ ހޯދުމަށްޓަކައި މައިގަނޑު ގޮތެއްގައި ބަރޯސާވަނީ ގެސްޓްހައުސް ވިޔަފާރިއަށް ކަމުގައިވާއިރު އެ ރަށުގެ ކުނި މެނޭޖުކުރާ މަރުކަޒު އެންމެ ޒަމާނީ ފެންވަރަށް އަޕްގްރޭޑް ކުރެވުމުން ރަށުގެ ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އަދި މިކަމުގެ ސަބަބުން މަތިވެރީގެ ކުނި މެނޭޖުކުރާ މަރުކަޒުގެ ހިދުމަތްތައް އިތުރަށް ހަރުދަނާވެ، ތިމާވެށި ރައްކާތެރިކުރުމަށް އިތުރު ބާރެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 1.06 މިލިޔަން ރުފިޔާއަށ،ް 120 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މިމަޝްރޫއުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ކުނި މެނޭޖުކުރާ މަރުކަޒު މަރާމާތު ކުރުމާއ،ި ކުނީގެ ގޮތުގައި އުކާލެވޭ ނުރައްކާތެރި ތަކެތި ރައްކާކުރާނެ ތަނެއް ހެދުން ހިމެނެއެވެ. އަދި ވެއާ ހައުސްއެއް ބިނާކުރުމާއ،ި ލޭންޑްސްކޭޕިންގެ މަސައްކަތްތަކާއި މިހާރު ހުރި ބައުންޑަރީ ފެންސް މަރާމާތުކުރުން ހިމެނެއެވެ.