މަތިވެރީގައި ތަރައްގީކުރާ އެއާޕޯޓް ވެގެންދާނީ މުޅި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ފައިދާކުރާނެ އެއާޕޯޓަކަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އއ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މަތިވެރީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރޭގެ ބައްދަލުވުމުގައި އއ.މަތިވެރީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީކޮށް އޮޕަރޭޓް ކުރުމަށް ހަވާލުކުރެވޭ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. އެ މަޝްރޫއަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ އެ މަޝްރޫއުގެ ދަށުން ރަށާއި ގުޅިގެން ރަށުގެ އެކި ކަންކަމަށް ބޭނުންވާ 26.5 ހެކްޓަރުގެ ބިންހިއްކުމާއި އެކު އެއާޕޯޓް ތަރައްގީ ކުރުމަށް ހަމަޖަހިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ އެ އެއާޕޯޓް ވެގެންދާނީ ފުރިހަމައަށް ދެކޮޅުޖެހޭ ސަތޭކަ ޕަސެންޓް ފީސަބަލް އެއާޕޯޓަކަށް ކަމަށެވެ. ބިންހިއްކުމާއި އެއާޕޯޓް ތަރައްގީކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗާގެ ހުރިހާ މަސައްކަތަކާއެކު މުޅި ޕްރޮޖެކްޓް 2 އަހަރާއި ބައި ތެރޭގައި ނިންމާ އެއާޕޯޓް ހުޅުވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
މީގެއިތުރުން އެ ރަށު ސްކޫލްގެ މަޝްރޫއު ދިރާސީ އާ އަހަރަށް ނިންމާ ބޭނުން ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސިއްހީ މަރުކަޒުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައި ވީނަމަވެސް މަސައްކަތް ހަވާކުރި ފަރާތުން އެއްކޮށް މަސައްކަތް ނިންމުމުގައި ލަސްވަމުންދާތީ އެމަސައްކަތް އެހެން ބަޔަކާއި ހަވާލުކޮށްގެން މަސައްކަތް ނިންމާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ. ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކޮށްގެން މިހާރު ހިދުމަތްދެވޭ ފެންވަރު އިތުރުކޮށް، އިތުރު ހިދުމަތް ދެވޭގޮތަށް ތަރައްގީ ކުރުމަށް ނިންމަވާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައި، ރަށުގެ މައި މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ އިތުރުން މި އަހަރު މަތިވެރީގައި ހޭންޑް ބޯލް ކޯޓެއް ހެދުމަށް ތާވަލުކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.