އިޒްރޭލް ޔަހޫދީންގެ ޕާސްޕޯޓް އޮންނަ ޓޫރިސްޓުން އއ. މަތިވެރި އަށް އެރުން މަނާކޮށްދިނުމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް ގޮވާލާ، އެ ރަށު ކައުންސިލުން ގަރާރެއް ފާސްކޮށްފިއެވެ.

މަތިވެރީގައި ހިމެނޭ ފަސް ކައުންސިލަރުންގެ އިއްތިފާގުން އިއްޔެ ފާސްކުރި ގަރާރުގައި ބުނެފައި ވަނީ ބައިތުލްމަގުދިސް އާއި މަސްޖިދުލް އަގުސާ ހުންނަ ފަލަސްތީނުގެ ބިމަށް ރެފިއުޖީންގެ ގޮތުގައި ހިޖުރަކުރި ޔަހޫދީންނަށް އިހުސާންތެރިވެ، ބޯހިޔާވަހިކަން ފޯރުކޮށްދިން ފަލަސްތީނުގެ މީހުންނަށް އަނިޔާވެރިވެފައިވާ ކަމަށެވެ.

އަދި ފަލަސްތީނުގެ ކުށެއް ނެތް އެތަކެއް މުސްލިމުންގެ ގެދޮރުން ނެރެ، ބިންތައް ފޭރިގަނެ، ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި އަންހެނުން ޝަހީދުކޮށް އަދި އާންމުން ދިރިއުޅޭ ތަންތަނާއި ހޮސްޕިޓަލްތަކަށް އަމާޒުކޮށް ބޮމުގެ ހަމަލާތައް ދެމުން ގެންދާ ކަމަށެވެ. ބޯފެނާއި ކާބޯތަކެއްޗާއި ބޭހާއި ފެނާއި ކަރަންޓު ފަދަ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކުން ފަލަސްތީނު މީހުން މަހުރޫމުކޮށް، އާއިލާތައް ނިދާފައި ތިއްބައި ގަތުލުކޮށް އަދި އަމިއްލަ ވަޒަނުގައި ފަލަސްތީނުގެ މީހުން ނިކަމެތިކޮށްފައިވާ ކަމަށް ވެސް ގަރާރުގައި ވެއެވެ.

އެފަދަ ލާއިންސާނީ އަނިޔާތަކެއް ދެމުންދާ ޔަހޫދީ އިސްތިއުމާރީންނަށް އެ ރަށުގެ ވެށިން ހިޔާވަހިކަން ދޭން އެރަށުގެ އެއްވެސް ރައްޔިތަކު ބޭނުން ނުވާ ކަމަށާއި އަދި އެ މީހުން މަތިވެރި އަށް އެރުމަކީ އެރަށުގެ އަމާންކަމާއި، ސަލާމަތަށްވެސް އޮތް ނުރައްކަލެއް ކަމަށްވެސް އެ ގަރާރުގައި ބުނެފައިވެއެވެ.

އެހެންކަމުން މަތިވެރި އަށް ޓޫރިސްޓުން ގެންދާ ފަރާތްތަކުން އިޒްރޭލު ޕާސްޕޯޓް އޮތް އެއްވެސް މީހަކު އެ ރަށަށް ނުގެންދިއުމަށާއި ޓޫރިސްޓުންގެ ގޮތުގައި އާއި އެހެންވެސް ބޭނުމަކު ރާއްޖެ އަށް އިޒްރޭލުގެ ޕާސްޕޯޓުގައި އެތެރެވުން ހުއްޓުވައި ދިނުމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް އެ ގަރާރުގައި ވަނީ ގޮވާލައިފަ އެވެ.

މަތިވެރި ކައުންސިލުން މިފަދަ ގަރާރެއް ނެރެފައިވާއިރު ދާދި ފަހުން ވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރަން ރައްޔިތުންގެ މަޖިލީހަށް ވެސް ގަރާރެއް ހުށަހަޅާފައިވެ އެވެ.

މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުގެ ޔަހޫދީން ފަލަސްތީނުގެ ގާޒާއަށް ދެމުންދާ ލާ އިންސާނީ އއުދުވާނީ ހަމަލާތަކުގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 8000 ފަހަނަ އަޅާ ގޮސްފައިވާއިރު އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. އަމިއްލަ ވަޒަން ދިފާއު ކުރުމަށް ކަމަށް ބުނެ އިޒްރޭލުން ދެމުންދާ ހަމަލާތަކަކީ އިންސާނިއްޔަތާ ހިލާފުވެފައެވެ.