ސަން ގުރޫޕުގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމާ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު މިއަދު ރައީސް އޮފީހުގައި ބައްދަލު ކުރައްވައިފިއެވެ.

އެ ބައްދަލުވުން މިއަދު މެންދުރުުގެ ވަގުތެއްގައި ކުރިއަށް ގެންގޮސްފައިވާއިރު އެ ބައްދަލުކުރެއްވުމަށްފަހު ސިޔާމު ރައީސް އޮފީހުން ނިކުމެވަޑައިގެންނެވި ވަގުތު އޭނާގެ އަރިހުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ހުންނެވި ކަމަށް މައުލޫމާތު ލިބެއެވެ. އަދި މަައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބައްދަލުވުމަކީ ރައީސް ސޯލިހު އެދިވަޑައިގަތުމަކަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

ބައްދަލުވުން ކުރިއަށް ގެންގޮސްފައިވާއިރު އެމްޑީއޭގެ ފަރާތުން ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ސިޔާމް ވަނީ އިއުލާންކުރައްވާފައެވެ. އަދި އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ސޯލިހު ވެސް ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓު ކަށަވަރުކުރައްވާފައެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ތެރެއިން ރައީސް ސޯލިހު ވަނީ އެ ޕާޓީއަށް ކާމިޔާބުވާނީ ކޯލިޝަނެއް ހަދައިގެން ކަމަށް ދެކެ ވަޑައިގެން އެ މޭރުމުން ގިނަ ވާހަކަފުޅުތަކެއްވެސް ދައްކާފައެވެ. އެހެން ކަމުން މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމަކީ އެ ކޯލިޝަނާ ގުޅޭ މަޝްވަރާގެ ބައްދަލުވުމެއް ކަމަށް ވެސް ބެލެވެއެވެ.

އެހެންނަމަވެސް މީގެ ކުރިން ސިޔާމާއި އެމްޑީއޭއިން ވެސް އެމްޑީޕީއާއެކު ސިޔާސީ މަސައްކަތެއް ކުރައްވާފައެއް ނުވާއިރު ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުގެ ފަރާތުން މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ވަނީ ސަން ގުރޫޕުގެ ކުންފުނިތަކުގެ މައްޗަށް އުފުލާފައެވެ.