ބޮއެ އަޅަން މޫދަށް ފައިބާ އުޅެނިކޮށް މަރުވި ރ. އިނގުރައިދޫ، މާހާ، ނިޝާހް އަބްދުލް ޣަފޫރުގެ އާއިލާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދަޅުވެއްޖެއެވެ.

އދ. މާފުށިވަރު މޯލްޑިވްސް ރިސޯޓުގައި ބޮއެ އަޅަން މޫދަށް ފައިބާ އުޅުނިކޮށް އުމުރުން 18 އަހަރުގެ ނިޝާހް ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އޭނާއަށް އދ. މަހިނބަދޫ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފައެވެ.

ނިޝާހްގެ އާއިލާއަށް ތައުޒިޔާ ވިދާޅުވަމުން ރައީސް ވިދާޅުވީ، އިއްޔެ ވަކިވެގެންދިޔަ ނިޝާހްއަކީ ހިތްވަރުގަދަކަމާއި އިންސާނިއްޔަތުކަމުގެ ލާމަސީލު މިސާލެއް ކަމަށާއި އަދި ސްކައުޓް އެސޯސިއޭޝަނަށް ރީތި ނަން ހޯދައިދިން ޒުވާނެއް ކަމަށެވެ.

އިއްޔެ އަޅުގަނޑުމެންނާ ވަކިވެގެންދިޔަ ނިޝާހް އަބްދުލްޣަފޫރަކީ ހިތްވަރުގަދަކަމާއި އިންސާނިއްޔަތުކަމުގެ ލާމަސީލު މިސާލެއް. ސްކައުޓް އެސޯސިއޭޝަނަށް ރީތި ނަން ހޯދައިދިން ޒުވާނެއް. އެ މަރުޙޫމްގެ ފުރާނައަށް މާތް ﷲ ހެޔޮ ރަޙުމަތް ލައްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށި
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ނިޝާހް ވަނީ އޭނާ އޭނާގެ އުމުރުން 14 އަހަރުގައި ގެނބުނު ކުއްޖެއްގެ ފުރާނަ ސަލާމަތް ކޮށްދީ ރައީސްގެ އެވޯޑު ވެސް ހޯދާފައެވެ.

މީގެ އަހަރުތަކެއް ކުރިން ނޮވެންބަރު 18، 2018 ވަނަ ދުވަހު އިނގުރައިދޫގައި މަސް ހިފަން މޫދަށް އެރި އުޅެނިކޮށް ގެނބެމުން ދިޔަ ކުއްޖަކުގެ ސަލާމަތް ކުުރުމަށް ނިޝާހް އާއި އޭނާއާއެކު އުޅުނު އަލީ ފައުޒާން ދެއްކި ހިއްވަރުގެ ވާހަަކަ ގިނަ ބަޔަކު އަދިވެސް ދައްކައެވެވެ. އަދި އެ ހިއްވަރާއި މަތިވެރި ގުރުބާނީ ފާހަގަކޮށް، ރައީސްގެ އެވޯޑު ދެއްވާފައިވަނީ 2019 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ.

ނިޝާން މަރުވިއިރު އޭނާ މަސައްކަތް ކުރަމުން އައީ މާފުށިވަރު ރިސޯޓުގެ ޑައިވަރެއްގެ ގޮތުގައެވެ. އަދި އޭނާގެ ކުއްލި ވަކިވުމަކީ ގިނަ ބަޔަކަށް ގަބޫލުކުރަން ދަތި ކަމަަކަށް ވަނީ ވެފައެވެ.