އުންމީދާއެކު ކޮންފަރެންސްގެ ތެރެއިން ހުކުރު ދުވަހު "ބުންވަރު" ގެ ނަމުގައި ސުލްހަވެރި ހިނގާލުމެއް ބާއްވަން ނިންމާފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު އިއުލާނު ކޮށްފިއެވެ.

މިއަދު ޕީޕީއެމް އެފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ބުރާސްފަތި ދުވަހު ކޮންފަރެންސް ފެށިގެންދާނެ ކަމަށާއި ހުކުރު ދުވަހު ހަވީރު 4 ޖަހާއިރު ސުންހަވެރި ހިނގާލުން ފެށޭނީ ޕީޕީއެމް އޮފީސް ދޮރުމަތިން ކަމަށެވެ.

އެ ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ އާޓިފިޝަލް ބީޗުންކަން ފާހަގަކުރައްވާ ޝުޖާއު ވަނީ ވީހާވެސް ގިނަ ދިވެހި ރައްޔިތުން ފިޔާތޮށި ކުލައިގެން ހެދުމުންލައިގެން އެ ހަރަކާތުގައި ބައިވެރިވުމަށް އެދިފައެވެ.

އެ ހަރަކާތަކީ ކޮންފަރެންސްގެ ތެރޭގައި ކުރިއަށްދާ ވަރަށް ބޮޑު ހަރަކާތެއް ކަމަށާއި އެ ހިނގާލުމަށް ފުލުހުންނާ ބައްދަލުކޮށްފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި އެ ހަރަކާތް މަޖީދީ މަގުގައި ބޭއްވުމަށް ފުލުހުން ހުއްދަދީފައިވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އަދި އެ ކޮންފަރެންސް ނިންމުމުގެ ޖަލްސާ ހޮނިހިރު ދުވަހުގެ ރޭ 8:30 ގައި އާޓިފިޝަލް ބީޝުގައި އޮންނާނެ ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

މި ކޮންފަރެންސްއަކީ ސިޔާސީ ޕާޓީއަކުން މިހާތަނަށް ބާއްވާ އެންމެ ބޮޑު ކޮންފަރެންސް ކަމަށާއި މި ކޮންފަރެންސްގައި 1500 އެއްހާ މެންބަރުން ބައިވެރިވާވާނެ ކަމަށް ޕީޕީއެމްއިން ވަނީ ބުނެފައެވެ. އަދި މިހާތަނަށް 1200 އަށް ވުރެ ގިނަ މެންބަރުން މި ކޮންފަރެސް އަށް ރަޖިސްޓްރީ ވެފައިވާ ކަމަށް ވެސް އެ ޕާޓީއިން ބުނެފައިވެއެވެ.

"އުންމީދާއެކު" ކޮންފަރެންސްގެ މައިގަނޑު އެއް މަގުސަދަކީ ރައީސް ޔާމީން މިނިވަން ކުރުމަށް ކުރެވެން ހުރި ކަންކަން ދިރާސާ ކުރުން ކަމަށާއި ރައީސް ޔާމީން މިނިވަން ކުރުމަށް ކޯޓުތަކަށް ވެސް އިދިކޮޅުން ދާނެ ކަމަށް ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވަނީ މި ކޮންފަރެންސް އިއުލާނު ކުރައްވަމުން ވިދާޅުވެފައެވެ.

ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނަށް ވަނީ މަނީލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ސާބިތުވެ މިދިޔަ މަހުގެ 25 ވަނަ ދުވަހު 11 އަހަރުގެ ޖަލުހުކުމެއް އިއްވާފައެވެ. ރައީސް ޔާމީން ޖަލުގައި ހުންނެވި ނަަމަވެސް ޕީޕީއެމްއިން އަންނަނީ ރައީސް ޔާމީންގެ ޝެޑިއުލާ އެއް ގޮތަށް ކެމްޕެއިން ހަރަކާތްތައް ހިންގުމަށް މަސައްކަތް ކުރަމުންނެވެ.