އިސްލާހުވެ، ހެޔޮގޮތަށް ބަދަލުވާންވީ ވަގުތު ނުޖެހޭތޯ އައްސަވާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު އެމްޑީޕީން ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރައްވައި ނަޝީދު ނާކާމިޔާބު ވެވަޑައިގަތީ 9،000 އެއްހާ ވޯޓުގެ ތަފާތަކުންނެވެ. އެކަމާ ގުޅިގެން 24 ގަޑިއިރު ވަންދެން އެއްޗެއް ވިދާޅުނުވެ ހުންނެވުމަށް ފަހު ބަލި ގަބޫލުކުރެއްވިކަން އިއުލާނު ކުރެއްވީ މިއަދު ހެނދުނެވެ. އަދި އެމްޑީޕީގެ ދަފްތަރުން ވަކިކުރިން 39،000 މީހުން ހިމެނޭ ގޮތަށް "ފިކުރެއްގެ ދިރުން" ނަމުގައި އެމްޑީޕީގެ ހުރިހާ ރަށެއްގައި ގޮފިތައް ހަދަން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ޕްރައިމަރީ އަށް ފަހު ފުރަތަމަ ފަހަރަށް ސަޕޯޓަރުންގެ ކުރިމައްޗަށް ނުކުމެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ވެސް ނަޝީދު ވިދާޅުވީ، ވިސްނުންފުޅު ހުރީ "ފިކުރެއްގެ ދިރުން" ނަމުގައި އެމްޑީޕީގައި ވަކި ގޮތްޕެއް ހަދައިގެން ކުރިއަށް ދިއުމަށެވެ.

އެކަމާ ގުޅިގެން އިމްރާން ވަނީ ރައީސް ނަޝީދު އިސްލާމް ދީނާ ދެކޮޅު ފިކުރުތައް މި ރާއްޖޭގައި ދިރުވަން އުޅުއްވާކަމަށް ދޭހަވާ ފަދަ ގޮތަކަށް ރައީސް ނަޝީދު އިސްލާހުވެ ހެޔޮގޮތަށް ބަދަލުވާންވީ ވަގުތު އަދިވެސް ނުޖެހޭތޯ ސުވާލުކުރައްވާފައެވެ.

ފޯރިގަދަކޮށް ދިޔަ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވައި 9،000 އެއްހާ ވޯޓުގެ ތަފާތަކުން ޕްރައިމަރީ ކާމިޔާބުކުރެއްވީ ރައީސެވެ. ރައީސް އިންތިހާބު ކާމިޔާބުކުރެއްވީ 24،566 ވޯޓާ އެކުގައެވެ. ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ.