ގާތްގަނޑަކަށް 9،000 އެއްހާ ވޯޓުގެ ތަފާތަކުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގައި އުޅުއްވާ ކަމަށް، އެމްޑީޕީގެ ވަގުތީ ނަތީޖާ އިން ދައްކައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ އަށް ކުރުކޮށް ބަލާލާއިރު:

  • ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު: 15،631 ވޯޓު
  • ރައީސް އިބްރާހީމް މުހައްމަދު ސޯލިހު: 24،572 ވޯޓު
  • ބާތިލް: 687 ވޯޓު
  • ޖުމްލަ: 40،887 ވޯޓު
  • ވޯޓުލީ ނިސްބަތް: 71.4 ޕަސެންޓު

ވަކިވަކި ނަތީޖާތަކަށް ބަލާލާއިރު، ރާއްޖޭގެ ހަތަރު ސިޓީގެ ތެރެއިން ކުޅުދުއްފުށި ފިޔަވައި މާލެ އާއި ފުވައްމުލަކުގެ އިތުރުން އައްޑޫން ކުރި ލިބިފައި ވަނީ ރައީސަށެވެ. ދެ ރައީސުން ވެސް އެންމެ ގިނައިން ވައުދުތައް ވެވަޑައިގެންފައިވާ އައްޑޫން ރައީސް ކުރި ހޯއްދަވާފައި ވަނީ 221 ވޯޓުގެ ތަފާތަކުންނެވެ. އަދި މާލޭން ކުރި ހޯއްދަވާފައި ވަނީ 84 ވޯޓުގެ ތަފާތަކުންނެވެ.

ވަކިވަކި ދާއިރާތަކުގެ ތެރެއިން ހަތް ރަށެއްގައި ބަހައްޓާފައި ހުރި ފޮށިތަކުގެ ނަތީޖާ އަށް ބަލާލާއިރު ނަޝީދަށް އެ ހަތް ރަށުން އެއްވެސް ވޯޓެއް ނުލިބެއެވެ. ނަމަވެސް ރައީސްގެ އަރިސް ބައެއް ބޭފުޅުންގެ ބައެއް ރަށްރަށުން ނަޝީދު ކުރި ހޯއްދަވާފައިވާއިރު، ނަޝީދުގެ ބައެއް އަރިސް ބޭފުޅުން ނިސްބަތްވެވަޑައިގަންނަވާ ދާއިރާތަކުން ރައީސަށް ކުރި ލިބިފައިވެއެވެ.

ޕްރައިމަރީގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގައި ރައީސް ވަނީ ރިޔާސީ އިންތިހާބުގައި ކޯލިޝަނެއް ހައްދަވާނެ ކަމުގެ އިޝާރާތެއް ކުރައްވައިފައެވެ. އެމަނިކުފާނު ވިދާޅުވީ، ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާ ގުޅިގެން ކުރިއަށް ދިއުމަށް ހުރިހާ ބޭފުޅުންނަށް ދައުވަތު ފޮނުއްވާނެ ކަމަށާއި، އެ ޕާޓީ އަކީ އަބަދުވެސް އެއް ވިސްނުމެއްގައި ކުރިއަށްދާ ޕާޓީއެއް ކަމަށެވެ.