އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާ ގަބޫލު ނުކުރައްވާ ކަމަށް އެ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވެފައި ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް އެމަނިކުފާނު ފޮނުއްވެވި މެސެޖެއްގައެވެ.
މިގޮތުން ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ޓީމުން ދަނީ ނަތީޖާ ޝީޓުތައް ބަލަމުން ކަމަށާއި ގިނަ ފޮށިތކުން ކުރީގައި އުޅުއްވަނީ އެމަނިކުފާނު ކަމަށެވެ. މީގެ އިތުރުން މިހާރު ފެންނަނީ މަދު ފޮށިތަކަކުން ބޮޑު ތަފާތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރީގައި އުޅުއްވާ ނަތީޖާތަކެއް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ނަޝީދު މިހެން ވިދާޅުވެފައި ވާއިރު ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި ނަޝީދުގެ އިންތިހާބީ އޭޖެންޓް ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވެސް ވަނީ މިފަދައިން ވިދާޅުވެފައެވެ.
މިހާތަނަށް އިއުލާންކުރި ގިނަ ވޯޓު ފޮށިތަކުން 64 ޕަސެންޓުން ކުރީގައި ރައީސް ސޯލިހް އޮތް އިރު ރައީސް ނަޝީދަށް ލިބިވަޑައި ގެންނެވީ 36 ޕަސެންޓެވެ. އަދި ޖުމްލަ ގޮތެއްގައި އަތޮޅުތަކަށް ބަލާއިރު ކޮންމެ އަތޮޅަކުންވެސް ރައީސް ސޯލިހު ވަނީ ކުރި ހޯއްދަވާފައެވެ.
ވޯޓު ގުނަމުން ގޮސް އިރުކޮޅެއް ނުވެ ރައީސް ނަޝީދު އިންތިހާބު ކާމިޔާބު ކުރެއްވިކަން އެމަނިކުފާނުގެ ކެމްޕެއިން ޓީމުން ވަނީ އިއުލާން ކޮށްފައެވެ. 64.7 ނަޝީދަށް ލިބިފައިވާ ކަމަށް އެގްޒިޓް ޕޯލް ތަކުން ދައްކާ ކަމަށް އިއުލާން ކުރި އިރު ސޯލިހުގެ ޓީމުން ބުނީ އެގްޒިޓް ޕޯލް އިން ދައްކާ ގޮތުން، ރައީސް ސޯލިހު 67 ޕަސެންޓުން މި އިންތިހާބު ކާމިޔާބު ކުރައްވައިފި ކަމަށެވެ. ނަމަވެސް މިހާތަނަށް ގުނާ ސާފުވި ނަތީޖާ އަށް ބަލާއިރު ރައީސް ސޯލިހަށް ވަނީ 64 ޕަސެންޓް ޔަގީން ވެފައެވެ. ބާކީ ނުގުނާ ހުރި މަދު ފޮށިން ނަތީޖާއަށް މާ ބޮޑު ބަދަލެއް އަންނާނެ ކަމަކަށް ނުބެލެވެއެވެ.
ވޯޓުލުން މާލެއާއި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށް ގެންގޮސްފައި ވާއިރު މި އިންތިހާބުގައި 57،255 މެންބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އަދި މާލެއާއި އަތޮޅުތައް ހިމެނޭހެން 214 މަރުކަޒެއްގައި 282 ވޯޓުފޮށި ބަހެއްޓިއެވެ. އެގޮތުން މާލޭގަައި 19 މަރުކަޒެއްގައި 87 ވޯޓު ފޮއްޓެއް ބެހެއްޓިއިރުއިރު އަތޮޅު ތެރޭގައި 195 މަރުކަޒެއްގައި 195 ވޯޓު ފޮއްޓެއް ބެހެއްޓިއެވެ.
މަގުމަށްޗަށް ނުނުކުމެ ނަޝީދަކަށް ކެތެ އްނުވާނެ.