އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން، ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ރަސްމީކޮށް އިއުލާންކުރައްވައިފި އެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން ޝަމްހީދު އިއުލާންކުރައްވާފައިވާއިރު އެމްޑީޕީގެ ބައެއް އިސްވެރިންވެސް ވަނީ ޕަރައިމަރީގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައެވެ.

އޭގެ ތެރޭގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލު ހިމެނިވަޑައިގަންނަވައެވެ.

ކުރިން ޓްރާންސްޕޯޓް މިނިސްޓަރުކަން ވެސް ކުރެއްވި ޝަމްހީދު ޕްރައިމަރީއަށް ނުކުމުވަޑައިގަންނަވަނީ ފެއިލްވެފައިވާ ސިޔާސަތުތައް ހަމައަކަށް އެޅުވުމުގެ މަގްސަދުގައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހަމަ އެހެންމެ ގިނަ ބައެއް ތާއީދު ލިބޭނެ ކަމަށް ޝަމްހީދު ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ރިޔާސީ ރޭހަށް ނުކުންނަވާނެކަން އިއުލާންކުރެއްވި ބައެއް ބޭފުޅުންދަނީ މިހާރު ކެމްޕެއިންވެސް ކުރައްވަމުންނެވެ. އެގޮތުން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދަނީ ބައެއް ރަށްތަކަށް ވެސް ޒިޔާރަތް ކުރައްވަމުންނެވެ.