އިރާދަކުރެއްވިއްޔާ ސާފު ވޯޓަކުން މޮޅުވާނެ ކަމަށާއި ވާދަވެރިން ވޯޓް ފޮށިތައް ގަޑުބަޑުކޮށް މަސްލަހަތު ނަގާލަން ހިންގާ އެއްވެސް ކަމެއްގައި ބައިވެރިނުވުމަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ޓީމުން ބުނެފައިވެއެވެ.
ރައީސް ސޯލިހްގެ ކެމްޕެއިން ޓީމުން މިހެން ބުނީ މިއަދު ކުރިއަށްދާ އެމްޑީޕީ ރިޔާސީ ޕްރައިމަރީ އިންތިހާބު ކުރިއަށްދާ އެތަށް މަރުކަޒެއްގައި ހަމަނުޖެހުންތަކެއް ހިގާފައިވާތީއެވެ.
ހުރިހާ ބޭފުލުން ކެތްތެރިކަމާ ސުލްހަވެރިކަމާއެކު ވޯޓްލާ ނިންމާލަ ދެއްވުމަށް ރައީސް ސޯލިހްގެ ކެމްޕެއިން ޓީމުން ވަނީ އެދިފައެވެ.
މިއަދު މި ކުރިއަށްދާ އެމްޑީޕީގެ ޕްރައިމަރީގައި މިހާތަނަށް އައި އިރު ވޯޓާސް ލިސްޓްގައި ނަން ނެތް ގދ ހޯޑެއްދޫ މީހަކު ވޯޓުލުމުގެ ސަބަބުން ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުން ހިންގާފައިވެއެވެ. އަދި މޫއްޑޫގައި 9 ނުޖަހަނިސް ވޯޓްލާން ފެށި މައްސަލައެއްގެ އިތުރުން ގައްދޫގައި ހުރި ވޯޓް ކަރުދާސްތައް ހަލާކޮށްލި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.
ރައީސް ނަޝީދު އަދި ރައީސް ސޯލިހް ވެސް ވަނީ މިހާރު ވޯޓު ލައްވާފައިވާއިރު އެމްޑިޕީގެ މި ރިޔާސީ އިންތިހާބު މިއަދު ހަވީރު 5 ޖެހުމާ ހަމައަށް ކުރިއަށްދާނެއެވެ.
ވޯޓު ދެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ބޮޑު ތަފާތަކުން ކުރި ހޯއްދެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށާއި "ޑަބަލް ޑިގިޓް"ގެ ތަފާތަކުން މި އިންތިހާނުގައި ކުރި ހޯއްދެވޭނެ ކަމަށެވެ.