މިއަދު ކޮންމެ ކެނޑިޑޭޓަކު ކާމިޔާބު ކުރި ނަމަވެސް ފަސޭހަކަމާއެކު ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނެ ކަމަށް އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށް ގެންދާއިރު ވޯޓުލާން ފެށުނީންސުރެ މާލެއާއި އަތޮޅު ތެރޭގައި އެކި ވަރުގެ ހަމަނުޖެހުންތައް ހިނގަމުންދަނިކޮށެވެ.
އާދަމް ޝަރީފް ވިދާޅުވީ އެމްޑީޕީގެ ކޮންމެ ކެނޑިޑޭޓަކު ޕްރައިމަރީ ކާމިޔާބު ކުރި ނަމަވެސް މި ހާލަތުގައި ރިޔާސީ އިންތިހާބު ފަސޭހަކަމާއެކު ޕީޕީއެމްއަށް ނުވަތަ ރައީސް ޔާމީނަށް ކާމިޔާބު ކުރެވޭނެ ކަމަށެވެ. އަދި މިއަދު ނަތީޖާ ނިކުންނަ ގޮތުން ޕީޕީއެމްގެ ރިޔާސީ އިންތިހާބުގެ ސްޓްރެޓެޖީސް ޓެކްޓިކްސް އަދި ރެޓޮރިކް ބަދަލުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މި އިންތިހާބުގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު އިތުރުން ރައީސް ނަޝީދު ވާދަކުރައްވައެވެ. ދެ ކެނޑިޑޭޓުންވެސް ގަބޫލުފުޅު ކުރައްވާ ގޮތުގައި ދެ ކެނޑިޑޭޓުންވެސް ކާމިޔާބުވާނެއެވެ.
މިއަދު ވޯޓު ލެއްވުމަށްފަހު ރައީސް ސޯލިހު ވަނީ "ޑަބަލް ޑިޖިޓް" ގެ ތަފާތަކުން އިންތިހާބު ކާމިޔާބުކުރެއްވޭނެ ކަމުގެ އުންމީދު އޮތް ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ވޯޓު ލެއްވުމަށް ފަހު މަޑުކުރެއްވުމެއް ނެތި ރައީސް ނަޝީދު ވަނީ ވަޑައިގެންފައެވެ.