އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ކައުންސިލްތަކާއެކު، ގުޅިގެން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް އިން މަސައްކަތް ކުރާނެކަމުގެ ފުރިހަމަ ޔަގީންކަން މިނިސްޓަރު އާދަމް ޝަރީފް އުމަރު ދެއްވައިފިއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ، ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ކާމިޔާބު ކުރެއްވި ހުރިހާ ބޭފުޅުންނަށް މަރުހަބާ ދެންނެވުމަށް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، އަލަށް އިންތިހާބު ކުރެވޭ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ރައްޔިތުންގެ ބައިވެރިވުމާއި ޝާމިލުވުން އިތުރުކޮށް، ރައްޔިތުންނާއި ގާތުން، އުންމީދީ އަދި ޒިންމާދާރު މަސައްކަތްތަކެއް ކުރައްވާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި މި އައު އިންތިހާބުތަކާއެކު ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް އިތުރު ދިރުމެއް ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކައުންސިލްތަކަށް ބާރުވެރިކަން ދިނުމަށް ބޮޑު އިސްކަމެއް ދެއްވާކަން ފާހަގަކުރައްވަމުން، މިނިސްޓަރު ވަނީ ސަރުކާރުގެ ފަރާތުން ހުރިހާ ކައުންސިލްތަކަކަށްވެސް ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މިނިސްޓަރުގެ މި މެސެޖަކީ އިންތިހާބު ކާމިޔާބު ކުރި ކެންޑިޑޭޓުން ނިސްބަތްވާ ސިޔާސީ ފިކުރަށް ބެލުމެއް ނެތި، ރަށު ތަރައްގީގެ މަސައްކަތްތަކުގައި ހުރިހާ ރަށެއްގެ ކައުންސިލްތަކާއެކު ގުޅިގެން މަސައްކަތް ކުރުމުގެ އަޒުމް ހާމަކޮށްދެއްވި މެސެޖެކެވެ.
މިހާތަނަށް އާންމުކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު، ރާއްޖޭގެ ސިޔާސީ ޗާޓަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަންކުރާ ޕާޓީ، ޕީއެންސީން ވަނީ ގިނަ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑިތައް ކާމިޔާބުކޮށް، ބޮޑު ތަރުހީބެއް ހޯދާފައެވެ. އަނެއްކޮޅުން، ސިޓީތަކުގެ މޭޔަރުކަމާއި ސިޓީ ކައުންސިލްތަކުގެ ކޮންޓްރޯލް އިދިކޮޅު އެމްޑީޕީން ވަނީ ދަމަހައްޓާފައެވެ.
