މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު، އިސްތިއުފާ ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަރީފް އިސްތިއުފާ ދެއްވި ސަބަބެއް އަދި ރަސްމީކޮށް ހާމަކުރައްވާފައެއް ނުވެއެވެ.

އާދަމް ޝަރީފް އުމަރަކީ ތައުލީމީ ދާއިރާއިން އިނގިރޭސިވިލާތުން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ، އެ ދާއިރާގެ ތަޖްރިބާކާރު ބޭފުޅެކެވެ. އެމަނިކުފާނު ގައުމަށް ހިދުމަތް ކުރައްވަން ފެއްޓެވީ 1981 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައެވެ. އޭގެ ފަހުން، ޓީޗަރުން ތަމްރީންކުރުމުގެ ދާއިރާގައި ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައި، އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުވެސް ފުރުއްވާފައިވެއެވެ.

ސަރުކާރުގެ މަތީ މަގާމުތަކުގެ އިތުރުން، އާދަމް ޝަރީފް ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މިނިސްޓާ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކަމުގެ މަގާމުވެސް ފުރުއްވާފައެވެ.

މިސަރުކާރުގެ މިނިސްޓަރު ކަމަށް ވަޑައިގަތުމުގެ ކުރިން އެމަނިކުފާނު އެންމެ ފަހުން ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރުކަމުގެ މަގާމުގައެވެ.

އާދަމް ޝަރީފް އިސްތިއުފާ ދެއްވުމާ ގުޅިގެން، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ ހިންގެވުމާ ދެން ހަވާލުވެވަޑައިގަންނަވާނެ ބޭފުޅަކު ރައީސް އޮފީހުން އަދި އިއުލާނެއް ނުކުރެއެވެ.