"ޑަބަލް ޑިޖިޓް" ގެ ތަފާތަކުން އިންތިހާބުގައި ކުރި ހޯއްދެވޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ވޯޓު ލައްވާފައިވަނީ އިސްކަންދަރު ސްކޫލުގައި ބަހައްޓާފައިވާ ހިންނަވަރު ދާއިރާގެ ފޮއްޓަސް މިއަދު 10:45 ހާއިރުއެވެ.

ވޯޓު ދެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ބޮޑު ތަފާތަކުން ކުރި ހޯއްދެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

އެމްޑީޕީގެ ވޯޓު އޮޅުވާލާނެ ކަމަށް ވާދަވެރި ކެންޑިޑޭޓް، ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ޓީމުން ކުރާ ތުހުމަތުތައް ދޮގުކުރައްވާ ރައީސް ވިދާޅުވީ އެމްޑީޕީގެ އިންތިހާބެއްގައި އެފަދަ އަމަލެއް ނުހިންގާނެ ކަަމަށާއި މިހާތަނަށް ބާއްވާފައިވާ އެއްވެސް އިންތިހާބުތަކުގައި ވެސް އެފަދަ ކަމެއް ނުހިނގާ ކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ މި އިންތިހާބަކީ ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތަށް ވެސް މުހިންމު މަންޒަރެއް ފެނިގެންދާނެ އިންތިހާބެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ސުލްހަވެރިކަމާ އެކު މި ވޯޓު ނިމޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި އެއާއެކު ދެން އޮތީ ކުރިއަށް އޮތް ރިޔާސީ އިންތިިހާބަށް އެކުގައި މަސައްކަތް ކުރުން ކަމަށެވެ.

ރައީސް އިތުރުން ރައީސް ނަޝީދު ވެސް ވަނީ މިހާރު ވޯޓު ލައްވާފައެވެ. އެމަނިކުފާނު ވޯޓުލައްވާފައިވަނީ ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފައިވާ ގަލޮޅު އުތުރު ދާއިރާގެ ވޯޓު ފޮއްޓަށެވެ.

ވޯޓުލެއްވުމަށްފަހު ރައީސް ސޯލިހު ނޫސްވެރިންނަށް މައުލޫތުދެއްވި ނަމަވެސް ރައީސް ނަޝީދު ވަނީ ފަހުން މީޑިއާތަކަށް މައުލޫމާތު ދެއްވާނެ ކަމަށް ވިދާޅުވެ، އެތަނުގައި މަޑުނުކުރައްވާ ވަޑައިގެންފައެވެ.