ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމްޑީޕީގެ އެތެރޭގެ ރިޔާސީ ޕްރިމަރީގައި ވޯޓު ލައްވައިފިއެވެ.

ރައީސް ސޯލިހު ވޯޓު ލައްވާފައި ވަނީ އިސްކަންދަރު ސްކޫލުގައި ބަހައްޓާފައިވާ ހިންނަވަރު ދާއިރާގެ ފޮއްޓަށެވެ.

މި ޕްރިމަރީގައި ރައީސް ސޯލިހާ ވާދަ ކުރައްވާ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވޯޓު ލައްވަން ވަޑައިގަންނަވަނީ މިއަދު 11 ޖަހާއިރުއެވެ. އެމަނިކުފާނު ވޯޓުލައްވާނީ ޖަމާލުއްދީނުގައި ހުންނަ ގަލޮޅު އުތުރު ފޮއްޓަށެވެ.

އަންނަ ސެޕްޓެމްބަރު މަހު 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް އެމްޑީޕީގެ އެތެރޭގެ ރިޔާސީ ޕްރިމަރީގެ ވޯޓުލުން ފަށާފައިވަނީ މިއަދު 9 ޖެހި އިރުއެވެ.

މިއީ ރިޔާސީ އިންތިހާބަކަށް އެމްޑީޕީގައި 2 ކެންޑިޑޭޓެއްގެ ދެމެދުގައި ޕްރައިމަރީއެއް ބާއްވާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ނަޝީދު ދެ ފަހަރެއްގެ މަތިން ޕްރައިމަރީގައި ވާދަ ކުރެއްވި ނަމަވެސް އެ 2 ފަހަރުވެސް ނަޝީދާ ވާދަ ކުރައްވާނެ މީހަކު ނެެތި ޓިކެޓް ލިބުނީ އޮޓޮމެޓިކުންނެވެ. އެއީ 2008 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީ އާއި 2013 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީއެވެ.

މިއީ ރައީސް ސޯލިހު ވާދަ ކުރައްވާ ފުރަތަމަ ޕްރައިމަރީއަށް ވާއިރު 2018 ވަނަ އަހަރު ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު އެއަހަރު ނަޝީދަށް ކުރިމަތިލެއްއްވެން ނެތިގެންނެވެ.