އަންނަ ރިޔާސީ އިންތިހާބަށް ނެރޭނެ އެމްޑީޕީގެ ކެންޑިޑޭޓެއް ކަނޑައަޅާ އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތްތައް މިއަދު ނިންމާލައިފިއެވެ.

މާދަމާ ހެނދުނު 9 އިން ހަވީރު 5 އަށް ބާއްވާ ޕްރައިމަރީގެ ކުރިން، ދެ ކެންޑިޑޭޓުންގެ އެންމެ ފަހު ހަރަކާތްތައް ބާއްވާފައި ވަނީ މިއަދު ހަވީރެވެ.

އެގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިންގެ ފަހު ހަރަކާތް ހުޅުމާލޭގެ ރުއްގަނޑު ސަރަހައްދުގައި ބޭއްވިއިރު، އެމަނިކުފާނުގެ ވާދަވެރިޔާ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަހު ހަރަކާތަކަށް މިއަދު ބާއްވާފައި ވަނީ މާލޭގެ މަޖީދީމަގާއި ބޮޑުތަކުރުފާނު މަގުގައި ހިނގާލުމެކެވެ. ދެ ބޭފުޅުންގެ ހަރަކާތުގައި އެ ބޭފުޅުންނަށް ތާއީދުކުރައްވާ ގިނަ މެންބަރުން ބައިވެރިވިއެވެ.

ނަޝީދުގެ ކެމްޕެއިން ހަރަކާތުގެ ތެރެއިން ---

މިއަދު ހަވީރު ބޭއްވި ނަޝީދުގެ ފަހު ހަރަކާތުގައި އެމަނިކުފާނު ވާހަކަފުޅެއް ނުދައްކަވައެވެ. ރައީސްގެ ކެމްޕެއިންގެ ފަހު ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު އެދިވަޑައިގަތީ މާޒީ އެކަހެރިކޮށް ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެކުގައި މަސައްކަތް ކުރަން ނުކުތުމަށެވެ. އެއާއެކު ރައީސް ވަނީ ޕްރައިމަރީ ކާމިޔާބުކުރައްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ.

ރައީސްގެ ކެމްޕެއިން ހަރަކާތުގެ ތެރެއިން ---

ދެ ބޭފުޅުންގެ ކެމްޕެއިން ހަރަކާތްތައް ނިންމާލީ ޕްރައިމަރީގައި ކާމިޔާބީ އަށް އެދި ކުރި ދުއާއަކަށް ފަހުގައެވެ.

ޕްރައިމަރީ އަށް ކެމްޕެއިންކުރެއްވުމުގެ ގޮތުން ދެ ބޭފުޅުންގެ ވެސް ފަހު ޖަލްސާ ބާއްވަވާފައި ވަނީ ރޭގައެވެ. ނަޝީދުގެ ޖަލްސާ އާޓިފިޝަލް ބީޗުގައި ބޭއްވިއިރު، ރައީސްގެ ޖަލްސާ ބާއްވާފައި ވަނީ އައްޑޫ ހިތަދޫގައެވެ.

މާދަމާ ބާއްވާ ޕްރައިމަރީ އަކީ ރާއްޖޭގެ ސިޔާސީ ޕާޓީގެ ތާރީހުގައި ބޭއްވޭ އެންމެ ވާދަވެރި އެންމެ ފޯރިގަދަ ޕްރައިމަރީއެވެ. ނަޝީދާއި ރައީސްގެ ތެރެއިން މި ޕްރައިމަރީ ކާމިޔާބުކުރައްވާ ބޭފުޅަކަށް ދެވަނަ ދައުރަކަށް ވެރިކަން ކުރެއްވުމަށް ވަޑައިގަތުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.