މާދަމާ އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓު ގަޑުބަޑުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޓީމުން މަސައްކަތްތައް ކުރަން ރާވާފައިވާ ކަމަށާއި، އެކަން އެހެން ވިޔަ ނުދޭނެ ކަމަށް، އެމަނިކުފާނާ ވާދަވެރި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަދި ނަޝީދުގެ އިންތިހާބީ އޭޖެންޓް ހަސަން ލަތީފް ވިދާޅުވީ، މާދަމާގެ ރިޔާސީ ޕްރައިމަރީގައި ނެގޭ ވޯޓު ގަޑުބަޑުކުރަން އުޅޭ ކަމުގެ މައުލޫމާތު އެކި ގޮތްގޮތުން ލިބިފައިވާ ކަމަށެވެ. އެމްޑީޕީގެ ޗެއާޕާސަންކަން ކުރިން ކުރެއްވި ހަސަން ވަނީ އެއާއެކު އެމްޑީޕީގެ ޕްރައިމަރީ އިންސާފުން ކުރިއަށް ގެންދިއުމަށް، އިންތިހާބީ ކޮމިޓީގެ ކިބައިން އެދިވަޑައިގެންފައެވެ.

"އަޅުގަނޑު ހިތުން ސިޔާސީ ޕާޓީއެއްގެ އިންތިހާބުތަކުގެ ތެރެއިން ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އިންތިހާބު[ގެ] ވޯޓުލުން މި އޮތީ، އެހެންވީމާ މާދަމާގެ ވޯޓުގެ ކަންކަން ރަނގަޅަށް ގެންދިއުމަކީ ހާއްސަކޮށް އިލެކްޝަންސް ކޮމިޓީގެ މަސްއޫލިއްޔަތެއް މިވަގުތު، އަދި އެ މަސައްކަތްކުރުމަށް ތިބޭ އިލެކްޝަންސް އޮފިޝަލުންގެ މަސްއޫލިއްޔަތެއް އިތުބާރުހިފޭ ގޮތަށް ގެންދިއުމަކީ،"

ހަސަން ވިދާޅުވީ، މާދަމާގެ ވޯޓު ގަޑުބަޑުކުރުމަށް ނަޝީދާ ވާދަވެރި ރައީސްގެ ކެމްޕެއިން ޓީމުން މަސައްކަތްކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ހަސަން ވިދާޅުވާ ގޮތުގައި އެފަދައިން ކަންތައްތައް ހިނގާފާނެ ސަބަބުތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން ހަސަން ފާހަގަކުރެއްވި ބައެއް ސަބަބުތަކުގެ ތެރޭގައި ހިމެނެނީ:

  • ޕާޓީގެ ދަފްތަރުން 39 ހާސް މެންބަރުން އުނިކުރުމަށް ފަހު ވޯޓުލާ މީހުންގެ ލިސްޓު ދާއިމީކުރުން
  • ގައުމީ މަޖިލިހުން އިލެކްޝަންސް ކޮމިޓީ އެކުލަވާލާފައި ވަނީ ބާރުގެ ބޭނުންކޮށްގެން ކަން

އޭގެ އިތުރުން ޑަބަލް ވޯޓިން (އެއް މަރުކަޒަކަށް ވޯޓު ލުމަށް ފަހު އެހެން މަރުކަޒަކަށް ވެސް ގޮސް ވޯޓު ލުން) ފަދަ ޝައްކުކުރެވޭ ބައެއް ކަންކަން އެބަހުރި ކަމަށް ވެސް ހަސަން ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެކަންކަން ހުއްޓުވުމަށްޓަކައި ބައެއް ކަންކަން ކުރުމަށް ނަޝީދުގެ ކެމްޕެއިން ޓީމުން ރާވާފައިވާނެއެވެ. އެގޮތުން:

  • ކޮންމެ ރަށެއްގައި ވެސް ވޯޓުލާ މަންޒަރުގެ ފޮޓޯ ނަގާފަ މޮނިޓަރުންނަށާއި މަންދޫބުންނަށް ފެންނަ ގޮތަށް ގްރޫޕެއްގައި ފޮޓޯތައް ޝެއާކުރުން
  • ޝައްކުކުރެވޭ ރަށްރަށުގައި ވޯޓުލުން ފެށުނީއްސުރެ ނިމެންދެން ފޭސްބުކުން ބައެއް ރަށްރަށުގައި ވޯޓުލުން ލައިވްކުރުން

ވޯޓުގެ ކަންކަން ނިމި ވަގުތީ ނަތީޖާ އިއުލާނުކުރުމުން، ވޯޓުލި މީހުންގެ ލިސްޓުގެ ކޮޕީއަކަށް އިލެކްޝަންސް ކޮމިޓީގައި އެދިފައިވާނެ ކަމަށް ވެސް ހަސަން ވިދާޅުވިއެވެ.

"އެއީ އަޅުގަނޑުމެން ކުރަން ބޭނުން ދިރާސާ ވެސް އެބަހުރި، އަޅުގަނޑުމެން ކުރިއަށް އޮތް ތަނުގައި އިރާދަކުރެއްވިއްޔާ މޮޅުވާނެ، މޮޅުވުމަށް ފަހު މައި އިންތިހާބަށް ދާއިރު ކުރަންޖެހޭ މަސައްކަތްތައް އެބަހުރި އެ ލިސްޓުގެ ތެރެއިން ވެސް،"

އޭގެ އިތުރުން ހަސަން ވަނީ ވޯޓު ކަރުދާހުގެ ސިއްރުކަން ގެއްލޭނެ ގޮތަށް އިތުރު ފާހަގަ ޖަހާފައިވާ ކަރުދާސްތަކުގެ ވޯޓު ބާތިލްކުރަން ވާނެ ކަމަށާއި، ވޯޓުލާ މަރުކަޒުގައި ހުންނަ ލިސްޓަކީ މަންދޫބުންނަށް ލިބިފައިވާ ލިސްޓުކަން ކަށަވަރުކުރުމަށް އިލްތިމާސް ކުރައްވައިފައެވެ.