އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއް ކަނޑައެޅުމަށް ޕާޓީ މިސްރާބު ޖަހާފައި ވާއިރު، ކެމްޕެއިން ހަރަކާތްތަކުން ފެނިގެން ދިޔައީ ޕާޓީގެ އެތެރޭގެ އިންތިހާބަކަށް ވުރެ ބޮޑަށް ރިޔާސީ އިންތިހާބެއްގެ ފޯރި ގަދަ ކެމްޕެއިނެއްގެ ސިފަތަކޭ ބުނުމަކުން ފަހަރުގައި ވެސް ދޮގަކަށް ނުވާނެއެވެ. މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހެއް ކަނޑައެޅުމުގެ ކުރިންވެސް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ 2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމުގެ ފެހި ސިގްނަލް ދެއްވާފައެވެ. ވެރިކަން ކުރާ ނިޒާމުގެ މައްސަލާގައި ދެ ފެކްޝަން "ކޯޅޭތާ" ލައްކަ ދުވަސްވެފައި ވާއިރު 2021 ވަނަ އަަހަރު މޭ މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް ފަހު ދެ ފެކްޝަންގެ ކޯޅުންތައް ވީ ގިނައެވެ.
ތާރީހު އިއުލާނު ކުރުމާއެކު ނަން ހުށަހަޅުއްވާ މިދިޔަ މަހުގެ ތެރޭގައި "ފިކުރެއްގެ ދިރުން" ނަމުގައި ރައީސް ނަޝީދުގެ ކެމްޕެއިން ހަރަކާތް ބޮޑު ތިލަދުންމަތިން ފެއްޓެވި އިރު "ކުރިއަށް" ނަމުގައި ރައީސް ސޯލިހު ކެމްޕެއިން ހަރަކާތް ފެއްޓެވީ މި މަހުގެ ތެރޭގައި ރ. އަތޮޅުންނެވެ. ރާއްޖޭގެ ގިނަ ރަށްތަކަކަށް ދެ ރައީސުން ވެސް މި ވޭދުވެދިޔަ މަދު ދުވަސްތަކުގެ ތެރޭގައި ވަޑައިގެންނެވިއިރު ފެނިގެން ދިޔައީ ވަރަށް ވެސް ތަފާތު މަންޒަރުތަކެކެވެ.
ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ކުންފުނިތަކުގެ ވެރީންނާއި ޕާޓީގެ އިސް އެކްޓިވިސްޓުންގެ ތެރެއިން ގިނަ ބަޔަކާއި ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތެއް ފެންނަނީ ރައީސް ސޯލިހު ކޭމްޕުންނެވެ. ރައީސް ނަޝީދުގެ ކެމްޕެއިނުން އެމަނިކުފާނަށް އެންމެ ވަފާތެރި މަޖިލީސް މެންބަރުންނާއި ޕާޓީގައި ތިއްބެވި އެމަނިކުފާނުގެ އަރިސް ބޭފުޅުންނެވެ. އޭގެ ތެރޭގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އާއި ކުރީގެ ޗެެއާޕާސަން ހަސަން ލަތީފް ފަދަ ބޭފުޅުން ހިމެނެއެވެ. މީގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއާއި އަނބިކަނބަލުން، ލޯކަލް ގަވަރަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ އަފްޝަން ލަތީފު ވެސް ރައީސް ނަޝީދުގެ ކެމްޕެއިން ހަރަކާތުން ފެނިގެން ދިޔައެވެ.
އެމްޑީޕީ އުފެދުނީންސުރެ އެ ޕާޓީގެ އަސްލު އަދި ހަގީގީ އެމްޑީޕީގެ ރައީސް ކަމަށް ދެކެމުން އައީ ނަޝީދަށެވެ. އެމަނިކުފާނުގެ ވިސްނުންފުޅާ އެއްގޮތަށް އެމްޑީޕީ އަބަދުވެސް ހިނގަމުން އައި އިރު މިއަދުވެސް އެމްޑީޕީގެ ހަގީގީ ސަޕޯޓަރުންގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރަނީ ނަޝީދުގެ ސަޕޯޓަރުންނެވެ.
ރަށްރަށުން ފެނުނު މަންޒަރު:
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ނިކުތްއިރު އިދިކޮޅު ސިޔާސީ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓު ޖަލަށްލުމާއެކު ސިޔާސީ މަސްރަހުވެސް ހަލަބޮލިވެފައި ވާއިރު ރައީސް ސޯލިހުގެ ކެމްޕެއިން ދަތުރުފުޅާ ދިމާކޮށް ރައީސް ޔާމީން މިނިވަން ކުރުމަށާއި ވައުދުތައް ފުއްދުމަށް ގޮވާލާ މުޒާހަރާކުރިއެވެ. ޔާމީން ޖަލަށް ހުކުމްކުރުމާއެކު ރައީސް ސޯލިހަށް ތުހުމަތުތައްކޮށް ރަށްރަށުގައި ތިބި އިދިކޮޅުގެ ސަޕޯޓަރުން ރައީސް ނަޝީދަށް ތާއީދު ކުރެއްވި މަންޒަރުވެސް ފެނިގެން ދިޔައެވެ. ރައީސް ނަޝީދުގެ ރާގު ބަދަލުވެ، ރައީސް ޔާމީނަކީ ތަސައްވަރެއް ގެއްގުޅުއްވާ ބޭފުޅަކަށްވެ، ސަނާ ވެސް ވިދާޅުވީއެވެ. އެ ކަންކަން ރައީސް ސޯލިހުގެ ފެކްޝަނަކަށް "ހަޖަމެއް" ނުވިއެވެ. ފާޑު ކިޔުންތަކާއެކު ރައީސް ނަޝީދު މޮޔަފުޅުވި ކަމަށްވެސް ބުންޏެވެ.
އެ ހުރިހާ ކަމަކާއެކުވެސް ޖުމްލަ ގޮތެއްގައި ރަށްރަށުން ދެ ކެނޑިޑޭޓުންނަށް ލިބުނު ތަރުހީބުވެސް ކުޑަ ނުވި ނަމަވެސް މީގެ ކުރީގެ އިންތިހާބުތަކުގެ ކެމްޕެއިނަށް ވަޑައިގެން ރައީސް ސޯލިހުގެ އިސްތިގުބާލުގައި ގިނަ އަދަދެއްގެ ބަޔަކާއި ކައުންސިިލްތަކުން ނިކުތް ރަށްރަށުން އެކަން ފެނިގެން ނުދިއުމަކީ މާދަމާ އޮންނަ އިންތިހާބާ މެދު ސުވާލު އުފެދޭ ކަމަކަށް ވާނެއެވެ. އެކަން އެހެންވީ ކިހިނެއް ވެގެންތޯ ވެސް ވިސްނާލަން ޖެހެއެވެ. 2018 ގެ އިންތިހާބަށް ނިކުމެ ވަޑައިގެން ނެރުނު "ވައުދުނާމާ" އަށް ބަލާ އެކަމަށް ޖަބާވު ލިބޭނެ ކަންނޭނގެއެވެ.
ވައުދުތައް ނުފުއްދި ނަޝީދު ފަޅިއަށް:
100 ދުވަހުގެ ތެރޭގައި ފުއްދަން ވައުދުވި ކަންކަމުގެ ފެށިގެން ގޮސް ދައުރު ނިމޭއިރުވެސް ނުފުއްދާ ހުރި ވައުދުތަކުގެ އަދަދުވެސް މަދަކަ ބައިވަރެއްވެސް ނޫނެވެ. ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ލިބިދޭން ޖެހޭ ބާރުތަކުގެ ވާހަކަތައް ކެނޑިނޭޅި އަޑު އިވޭއިރު އެއްގަމާ ކަނޑު ކައުންސިލްތަކަށް ދޭން ވައުދުވެވަޑައިގެން، އެއްގަމާއި ކަނޑު، ފަޅާ ފަރު ކައުންސިލަށް ދޭން އައި ސަރުކާރަށް އެ ކައުންސިލްތަކުން ސަލާން ޖަހާތަން ވެސް ފެނެއެވެ. ކޮރަޕްޝަންތައް ބެލުމަށާއި މަރުތަކަށް އިންސާފު ހޯދައިދޭނެ ކަމަށް ހަރު އަޑު ވިދާޅުވީ މަސްވެެރިންނަށާއި ދަނޑުވެރިންނާއި ޒުވާނުންގެ ކުޅިވަރުތަކަށް ގެނެސްދެއްވަން ވެވަޑައިގެންނެވި ވި ވައުދު ވީ ހިސާބެއްވެސް ނޭނގެއެވެ.
ފޯނާއި ފެރީ ފަދަ ހިދުމަތްތަކުން ޖީއެސްޓީއާއި ބީޕީޓީގެ އުވާލަން ވައުދުވެވަޑައިގެން ވެރިކަމަށް ވަޑައިގަތުމަށްފަހުން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑު ކުރުމަކީވެސް ރައީސް ސޯލިހުގެ ސަޕޯޓަރުން އެކަމާ ނުރުހުންވެ ނަޝީދާ އެއްގަލަކަށް އެރި ސަބަބަކަށްވުން ވެސް ގާތެވެ. ބާނާ މަސްތައް އިސްރާފުވުމެއް ނެތި ހަމަ އަގުގައި ވިއްކޭނެ ގޮތާއި ކަންނެލި ޖަގަހަ ތަކާއި ގޭދޮށު މަސްފެކްޓްރީތަކާއި ފަރުމަސް ކަލެކްޝަން ސެންޓަރުތަކެއް ހެދުމަކީވެސް ރައީސް ސޯލިހުގެ ވައުދުފުޅަކަށް ވާއިރު އެކަން ނުވެ ގިނަ މަސްވެރިން ނިސްބަތްވާ ހުވަދޫއަށް ކެމްޕެއިނަށް ވަޑައިގަތުމުން މަސްވެރިން ވަނީ އިހުތިޖާޖުވެސް ކޮށްފައެވެ. ގދ. ތިނަދޫގެ އިތުރުން ގއ. ވިލިނގިއްޔަށް ވަޑައިގަތުމުންވެސް މުޒާހަރާ ކޮށްފައި ވާއިރު ވިލިނގިލިން ވަނީ ރައީސް ސޯލިހު ދަތުރުފުޅު ކުރެއްވި ކާރުކޮޅު ކުރިމައްޗަށް އަރާ ހުރަސް އަޅާފައެވެ. އަދި ކުޅުދުއްފުށި ސިޓީއަށް ވެވަޑައިގެން ނުފުއްދަވާ ހުރި ވައުދުތައް ދައްކުވާދޭ ޕެރޭޑެއް ތައްޔާރުކުރި އިރު ރައީސްގެ އިސްތިގުބާލަށް ނިކުތީވެސް މަދު މީސްކޮޅެކެވެ. އެކަމާ ގުޅި އެ ރަށުގައި ޖަލްސާވެސް ނުބޭއްވި ހަނިމާދޫއަށް ވަޑައިގެންނެވީއެވެ. އަދި ރައީސް ސޯލިހު އައްޑޫ ސިޓީއަށް ވަޑައިގެން ފަހުން ރައީސް ނަޝީދު އެ ސިޓީއަށް ވަޑައިގަތުމުން ފެނިގެން ދިޔަ އާދަޔާ ހިލާފު ހޫނު މަރުހަބާ ފެނި އެއީ އިދިކޮޅުގެ މީހުން ކަމަށް ބުނެ ސޯލިހުގެ ފެކްޝަނުން ތުހުމަތުތައްވެސް ކުރިއެވެ.
ވޭތުވެދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި ރަށްރަށަށް އުމްރާނީ ތަރައްގީތަކެއް ގެނެސްފައި ވާއިރު ދަތުރުފަތުރުން ގުޅާލުމުގެ ސިޔާސަތުގެ ދަށުން އާރްޓީއެލްގެ ހިދުމަތް ވަނީ ފަށާފައެވެ. އަދި ވިހެއުމާ ގުޅިގެންދޭން ވައުދުވި 6 މަސް ދުވަހުގެ މެޓާނިޓީ ލީވްގެ ވާހަކަދައްކާ ރައީސް ސޯލިހަށް ސަޕޯޓުކުރައްވަނީ ވެސް މަދު ބައެއްވެސް ނޫނެވެ.
އެމްޑީޕީގެ ދަފްތަރު ސައްހަކުރުމުގެ ނަމުގައި ޕާޓީގެ ގިނަ ބަަޔަކު ވަކިކޮށްފައި ވާއިރު އޭގެ ތެރޭގައި ގިނައީ ނަޝީދުގެ ސަޕޯޓަކުން ކަމަށް ބުނެ އެ ފެކްޝަނުން ވަނީ އެއީ ގަސްތުގައި ރާވާއިގެން ހިންގާފައިވާ ޖަރީމާއެއްގެ ގޮތުގައި ސިފަކޮށްފައެވެ. އިލެކްޝަން ކޮމިޝަންގެ ދަފްތަރުގައި ނެތް 39000 މެމްބަަރަކު އެ ޕާޓީއިން ވަކިކޮށްފައި ވެއެވެ.
ކެމްޕެއިން ޕޯޑިއަމްތަކުގައި ވައުދުތަކުގެ އިތުރުން ރައީސް ސޯލިހު މައިގަނޑު ގޮތެއްގައި ދެއްކެވީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ފެނާއި ނަރުދަމާއާއި ކޮވިޑް ގެ އާލާމީ ވަބާގެ ތެރޭގައި މެނޭޖްކުރެއްވި ގޮތުގެ ވަހާކަތަކެވެ. އެހެންނަމަވެސް ރައީސް ނަޝީދު ދައްކަވަމުން ގެންދެވީ މަހުގެ އަގު ދަށްވެފައި ޑީސަލް އަގު ބޮޑު ވާހަކަތަކާއި އާމްދަނީ ދެގުނައަށް ހަދައިދެއްވާނެ ވާހަކަތަކެވެ. ދެ ކެންޑިޑޭޓުންވެސް ގިނަ ވައުދުތަކެއް ކޮންމެ ރަށަކަށް ވަޑައިގެން ވެވަޑައިގެންނެވިއެވެ.
ކެމްޕެއިން ފޯރިއާއެކު އެންމެންގެ އިނގިލި އަމާޒުވީ ފަތުއަޑު ކިޔާފައި ހަވާލުކޮށް ފަށަމުން ދިޔަ ގިނަ މަޝްރޫއު ތަކަކަށެވެ. ބަނދަރާއި އެއާޕޯޓާއި ކޯޒްވޭ އަދި ޓޫރިޒަމް ތަރައްގީކުރާ މަޝްރޫއުތަކުން ފެށިގެން ގޮސް ނަން ހުސްކޮށް ރާއްޖޭގެ އުތުރާއި ދެކުނުގައި ފެށިގެން ދިއުމަކީ ގިނަ ބައެއްގެ ފާޑުވެސް އަމާޒުވި ކަމެކެވެ. ހެޔޮ އަގުގައި ކުންފުނިތަކަށް މަޝްރޫއުތައް ބަހާ ހުސްކޮށްލިއިރު ސުވާލު އުފެދެނީ ގއ. އަތޮޅުގައި އެއާޕޯޓް ހިންގަމުން އަންނަ ކޫއްޑޫ އާއި އެ އަތޮޅު ވިލިނގިލި ގުޅާލުމަށް ބްރިޖް އެޅުމުގެ މަޝްރޫއަކީ ހަމަ 21 މިލިއަނަށް ކުރިއަށް ގެންދެވޭނެ ކަމެއް ބާއޭއެވެ. އިންތިހާބަށް ދެތިން ދުވަހަށް ވެފައިވަނިކޮށް ރަށްރަށުން ގޯތި ދޫކުރަން އިއުލާން ކުރުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވަޒީފާތައްވެސް ދިޔައީ އިއުލާން ކުރަމުންނެވެ.
ކެމްޕެއިންނާ ދިމާކޮށް ދެ ކެނޑިޑޭޓުންނަށް ވެސް ތުހުމަތުތައް ކުރިމަތިވިއިރު ރައީސް ސޯލިހުވެސް "ރިއެކްޓް" ކުރައްވަން ފެއްޓެވީއެވެ. ކުރިމަތިވާ ފާޑުކިޔުންތަކާއި ތުހުމަތުތަކަށް ރައްދުދެއްވަމުން ގެންދެވިއެވެ. ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކޮށްގެން، އެ މުވައްޒަފުންގެ ވިސްނުމާ ކުޅެން މަސައްކަތްކޮށް ކެމްޕެއިން ހަރަކާތުގައި ނެރުނު ކަމަށް ނަޝީދުގެ ފެކްޝަނުން ބުނަމުންދާއިރު އެކަން ސޯލިހުގެ ފެކްޝަނުން ތަކުރާރުކޮށް ވަނީ ދޮގުކޮށްފައެވެ. މާދަމާ ބާއްވަން ނިންމާފައިވާ އިންތިހާބަކީ އިންސާފުވެރި އިންތިހާބަށް ނުވެދާނެ ކަމަށް ނަޝީދުގެ ފެކްޝަނުން ބުނަމުން އަންނައިރު މަކަރާ ހީލަތް ހަދާނެ ކަމަށް ވެސް އަންނަނީ ތުހުމަތު ކުރަމުންނެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް ނަޒަރު ހިންގާލާއިރު ދެ ޕެކްޝަންގެ ދެ ބޭފުޅުން ވާދަކޮށް ރައީސް ސޯލިހުގެ ފެކްޝަނުން ކާމިޔާބު ކުރުމާ ގުޅިގެން ގިނަ ބަޔަކު ހިސާބު ޖަަހަމުން އައީ މި އިންތިހާބުގައި ކަންހިނގާނީވެސް އެފަދައިން ކަމަށެވެ. އެހެންނަމަވެސް ރަށް ރަށުން ރައީސް ނަޝީދަށް ލިބުނު ތަރުހީބު ފެނި އެއީ އެކަން ހިނގާނެ ގޮތް ނޫން ކަމަށްވެސް ގަބޫލުކުރެވެއެވެ. ދެ ކެންޑިޑޭޓުންވެސް މާދަމާ ކުރިމަތިލާ އިންތިހާނުން ފާސްވެ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަންދެއެވެ. ކޮންމެ ގޮތެއް ވިޔަސް މޮޅުވާނީ އެކަކެވެ. ސުވާލު އުފެދޭ ކަމަކީ ނާކާމިޔާބުވާ ކެނޑިޑޭޓަކު އެކަން ގަބޫލުކޮށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓާ ގުޅިގެން މަސައްކަތް ކޮށްފާނެ ކަމެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި ހަނި ގޮތަކަށް އިންތިހާބުން ބަލި ވެއްޖެ ނަަމަ ރައީސް ނަޝީދު ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވާނެއެވެ. ކަންވާނެ ގޮތް ނޭނގުނު ނަމަވެސް އެމްޑީޕީގެ މާޒީއަށް ނަޒަރު ހިނގާލާއިރު ޗެއާޕާސަން އިންތިހާބުގައި ތުހުމަތުތަކާއި ރައްދުތަކަށްފަހުވެސް ބަލި ގަބޫލުކޮށް އެއް ގަލަކަށް އެރި މަންޒަރު ފެނިގެން ދިޔައެވެ.