އެމްޑީޕީ އެކަނި ވެރިކަމެއް ކުރާތަން ދެކިވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ.

2018 ގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުކުރައްވައި ރައީސް ވެރިކަމަށް ވަޑައިގަތީ އެމްއާރުއެމާއި އަދާލަތު ޕާޓީގެ އިތުރުން ޖުމްހޫރީ ޕާޓީ އާ އެކު ހަދާފައިވާ ކޯލިޝަނަކުންނެވެ.

ރިޔާސީ ޕްރައިމަރީގެ ކުރިން ބާއްވާ ފަހު ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ، މީގެ 30-40 އަހަރު ނުކުރެވުނު ގިނަ މަސައްކަތްތައް ވޭތުވެދިޔަ ހަތަރު އަހަރު ކުރެވިފައިވާ ކަމަށާއި، އެ ވާހަކަ ދައްކަމުން ދަނީ ދިވެހި ރައްޔިތުން ކަމަށެވެ.

"ކޮންމެ ރަށަކުން ވެސް ބުނަމުން ދަނީ މީން ޒަމާނަކު އެ ރަށަކަށް ނުގެންނަ ތަރައްގީ ގެންނަ ކަމަށް،" ރައީސް ވިދާޅުވިއެވެ.

ތަކުރާރުކޮށް ރައީސް ވިދާޅުވާ ގޮތުގައި، އަންނަ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވެން އޮތީ ޕްރައިމަރީގައި އެމަނިކުފާނު އިންތިހާބުކޮށްގެންނެވެ. ރިޔާސީ އިންތިހާބު ކާމިޔާބުކުރެވެން އޮތީ 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު ލިބިގެންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި ގޮތުގައި، އެމްޑީޕީ އަށް އަދި އެކަނި އިންތިހާބު ކާމިޔާބުކުރެވެން ދައްޗެވެ.

"އަޅުގަނޑުމެންނަށް އެކަނި އެކަން އަދި ކުރެވެން ދަތިކަން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މެންބަރަކު ގަބޫލުކުރޭ، އަޅުގަނޑު ވެސް ބޭނުން އެމްޑީޕީ އެކަނި ވެރިކަން ކުރާ ތަން ދެކެން. އެކަނި ސަރުކާރެއް އެކުލަވާލަން،"

ކޯލިޝަނެއް އެކުލަވާލާއިރު، ބައިވެރިންނަށް ދޫ ދޭން ޖެހޭ ކަމަށާއި ނަމަވެސް އެކަމުގެ ސަބަބުން ލިބޭ ފައިދާ މާ ބޮޑު ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ މެނިފެސްޓޯ ބަރާބަރަށް ތަންފީޒުކުރެވެމުންދާ ކަމަށެވެ.

ކެމްޕެއިންގެ ތެރެއިން އެމްޑީޕީގެ މެންބަރުންގެ ހިޔާލު ހޯއްދެވި ކަމަށާއި، މެންބަރުން ކުރިއަށް ދާން ތިބީ ތަރައްގީ އާ އެކުގައި ކަމަށް ރައީސް ވިދާޅުވިއެވެ.