ލ. ގަމުގައި 130 އެނދުގެ ޓާޝަރީ އާ ހޮސްޕިޓަލެއް އިމާރާތް ކުރުމަށާއި ގދ. ގައްދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އިމާރާތް ކުރުމަށް ސްޕެއިންގެ ކުންފުއްޏެއް ކަމަށްވާ ހޮމްޓް އެސްޕަނިއާ އާ ހަވާލުކޮށް، އެއްބަސްވުމުގައި ސަރުލާރުން އިއްޔެ ސޮއިކޮށްފިއެވެ.

މި ދެ ހޮސްޕިޓަލުގެ އިތުރުން ކޮންމެ ހޮސްޕިޓަލަކާ ގުޅިގެން ސްޓާފު އެކަމޮޑޭޝަން ބްލޮކްތަކާއި މުޅި ހޮސްޕިޓަލަށް ބޭނުންވާ ފަރުނީޗަރާއި މެޑިކަލް އިކްއިޕްމަންޓު އަދި ތަނުގެ ހިދުމަތް ރަނގަޅު ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ މުވައްޒަފުން ތަމްރީނު ކުރުމަށް މި އެއްބަސްވުމުގައި ހިމެނިފައި ވެއެވެ.

ޖުމްލަ 79 މިލިއަން 50 ހާސް ޔޫރޯއަށް ވުރެ ބޮޑު ހަރަދެއް ކޮށްގެން ހިންގާ މި މަޝްރޫއަކީ ޑޮއިޗާ ބޭންކުގެ ފަރާތުން ފައިނޭންސް ކުރުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. ގދ. ގައްދޫ ހޮސްޕިޓަލް ޢިމާރާތް ކުރުމަށް 30 މަސްދުވަހުގެ މުހުލަތެއް ދީފައި ވާއިރު ލ. ގަމު ހޮސްޕިޓަލް އިމާރާތް ކުރުމަށް ދީފައި ވަނީ 36 މަސްދުވަހެވެ.

މި މަޝްރޫއަކީ ސަރުކާރުގެ ފަރާތުން ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއެއްކަން ފާހަގަ ކޮށްލެވެއެވެ.