އަލަށް އުފަންވާ ކުދިން 7 ދުވަސް ތެރޭގައި އޮންލައިންކޮށް ރަޖިސްޓްރީ ކްރެވޭނެ ކަމަށް ޑިޕާޓްމެންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން އިން ބުނެފިއެވެ.
ޑީއެންއާރުން ބުނީ އުފަންވުމާއި މަރުވުން ރަޖިސްޓްރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހި ރައްޔިތެއްކަން ކާޑް ހެދުމާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހާއި ގުޅިގެން ރާއްޖޭގައި އުފަންވާ ކުއްޖެއްނަމަ އުފަންވާތާ 7 ދުވަހުގެ ތެރޭގައި ރަޖިސްޓްރީކުރަން ހުށަނާޅައިފި ނަމަ 10،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށެވެ.
ރާއްޖޭގައި އުފަންވާ ކުދިންނާއި ރާއްޖޭން ބޭރުގައި ދިވެހި ރައްޔިތަކަށް އުފަންވާ ކުދިންގެ އުފަންވުން ރަޖިސްޓްރީކުރުމަށް ލާޒިމުވެގެންވާއިރު އުފަންވާތާ 7 ދުވަހުގެ ތެރޭގައި އެކުއްޖަކު އުފަންވި ރަށެއް ނުވަތަ ސިޓީގެ ކައުންސިލަށް ރަޖިސްޓްރީ ކުރަން ހުށަހެޅުމާއި ކުއްޖާ އުފަންވީ މީހުން ދިރިއުޅޭ ރަށެއްގައި ނުވަތަ ސިޓީއެއްގައި ކަމުގައި ނުވާނަމަ އެ މުއްދަތުގައި ކުއްޖާ އުފަންވުން ރަޖިސްޓްރީ ކުރުމަށް ހުށަހަޅާނީ އެ ކުއްޖާ އެންމެ ފުރަތަމަ ގެންދެވޭ މީހުން ދިރިއުޅޭ ރަށް ނުވަތަ ސިޓީއެއްގެ ކައުންސިލަށް ކަމަށް އެ ޑިޕާޓްމެންޓުން ބުނެއެވެ.
ރާއްޖޭގައި އުފަންވާ ކުއްޖެއްގެ ފޫޅުމާ ފޯމު ފުރިހަމަކުރުމަށްފަހު ހުށަހެޅުމުން، އެ ކުއްޖެއްގެ އުފަންވުން ރަޖިސްޓަރީކުރަން ހުށަހެޅުނީ ކަމަށާއި ރާއްޖޭއާއި ރާއްޖެއިން ބޭރުގައި ދިވެހިރައްޔިތަކަށް އުފަންވާ ކޮންމެ ކުއްޖަކު، އުފަންވާ ތާރީހުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި އެ ކުއްޖެއްގެ އުފަން ދުވަހުގެ ސެޓްފިކެޓް ހެއްދުމަށް ހުށަހަޅަން ޖެހެއެވެ.
އެކަމާ ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުންތައް ހުރިކަން ފާހަގަކޮށް ޑީއެންއާރުން ބުނީ ރާއްޖޭގައި އުފަންވުމާއި މަރުވުން ރަޖިސްޓްރީކޮށް ބެލެހެއްޓުމަށް ޕޯޓަލެއް ގާއިމުކުރުމުގެ ކުރިން އަމަލު ކުރަމުން ދިޔަގޮތަކީ ކުއްޖަކު އުފަންވުމުން ޑީއެންއާރުން ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒުތަކަށް ފޮނުވާފައިވާ ފޫޅުމާ ފޯމު ފުރުމަށްފަހު، ބެލެނިވެރިޔާ ނުވަތަ ބަލަދުވެރިޔާއާ ފޫޅުމާ ފޯމުގެ ކޮޕީ ހަވާލުކުރުމުން އުފަންވުން ރަޖިސްޓްރީ ކުރުމަށްޓަކައި އެރަށެއްގެ ކައުންސިލަށް ހުށަހަޅަން ޖެހޭ ކަމަށެވެ.
އެ ޕޯޓަލެއް ގާއިމުކުރުމަށްފަހު މިހާރު ކުއްޖަކު އުފަންވުމުން އެކުއްޖާ އުފަންވާތަނަކުން އޮންލައިން ޕޯޓަލް މެދުވެރިކޮށް މައުލޫމާތު އެންޓަކުރުމުން އެ ޕޯޓަލްއިން ފޫޅުމާފޯމު ޕްރިންޓްކޮށް ބެލެނިވެރިޔާ ނުވަތަ ބަލަދުވެރިޔާއަށް ހަވާލުކުރުމާއި އަދި އެފޫޅުމާފޯމު އެކުއްޖަކު އުފަންވީ ރަށެއްގެ ކައުންސިލަކަށް ވަގުތުން ސިސްޓަމް މެދުވެރިކޮށް ލިބިގެންދިއުމުން ރަޖިސްޓްރީ ކުރެވުނީ ކަމަށް އެ ޑިޕާޓުމެންޓުން ބުނެއެވެ.
ޑީއެންއާރުން ބުނީ އުފަންވުން ރަޖިސްޓަރީކުރަން ގާނޫނުން ލިބޭ މުއްދަތު ކުރުވެގެން އުފަންވުން ރަޖިސްޓަރީ ނުކޮށްގެން ޖޫރިމަނާ ވެދާނެކަމުގެ ބިރެއް އުފެދޭންޖެހޭ ސަބަބެއް ނެތް ކަމަށެވެ.