ހިލޭ ޑިގްރީއަށް ކިޔަވާ ކުދިންނަށް ފައިސާ ދޫކޮށްފައިވާ ގޮތުގެ ތަފްސީލުތައް ބަލަހައްޓާފައި ނެތުމުގެ ސަބަބުން މިހާތަނަށް ވަކިވަކި ފަރާތްތަކަށް ދޫކުރި ލޯނުގެ އަދަދުތައް ބެލެން ނެތްކަމަށް އޮޑިޓް އޮފީހުން ބުނެފިއެވެ.

އޮޑިޓް ރިޕޯޓްގައި ވަނީ ދައުލަތުން ހިލޭ އެހީގައި ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބިފައިވާ އިރު އެފުރުސަތު ދެމުން އަންނަ ރެކޯޑުތައް އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓިފައި ނުވާ ކަމަށެވެ. އަދި ކުދިންނަށް ދޫކޮށްފައިވާ ފައިސާގެ ތަފްސީލު ބެލެހެއްޓިފައި ނުވާތީ ވަކިވަކި ފަރާތްތަކަށް ދޫކުރި އަދަދުތަކާއި ދޫކުރަން ޖެހޭ އަދަދުތައް ކަށަވަރު ނުކުރެވޭ ކަމަށެވެ.

މީގެ އިތުރުން އެ ރިޕޯޓްގައި ވަނީ ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ އުސޫލުގައިވާ ގޮތުގެ މަތިން ފަންޑު ދިނުން ހުއްޓާލަން ޖެހިފައިވާ ކުދިންނަކީ ކޮބައިކަން އެނގެން ނެތްކަމަށެވެ. އަދި އެފަދަ ދަރިވަރުންނާ މެދު ފިޔަވަޅު އަޅައި ދިން ފައިސާ އަނބުރާ ހޯދަންޖެހޭކަން ނުވަތަ ނޫންކަންވެސް ބެލިފައި ނުވާކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފައެވެ.

އޮޑިޓް އޮފީހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ހަޔާ އެޑިއުކޭޝަނުން މެނޭޖުކުރާ ލޯނުގެ ތެރެއިން 105 މިލިއަން ރުފިޔާ ދައުލަތައް ލިބިފައެއް ނުވެއެވެ. އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހިންގާ އެކި ލޯނު ސްކީމުތަކަށް ބޭނުންވާ ފައިސާގެ ތެރެއިން 44 މިލިއަން ރުފިޔާ ޕަބްލިކް ބޭންކް އެކައުންޓްތައް ނޫން އެހެން އެކައުންޓްތަކަށް ޖަމާކޮށްފައި ވެސް ވެއެވެ. އަދި އޭގެ ތެރެއިން 34 މިލިއަން ރުފިޔާ އަކީ އާންމުކޮށް ލޯނު ދޫކުރުން ހުއްޓާލާފައި ހުރި ހަތަރު އެކައުންޓުގައި ހުރި ފައިސާ ކަމަށް ވެސް ބުނެއެވެ.