މި އަހަރުގެ ތެރޭގައި ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން 5 ސަރަހައްދެއްގައި ފެށޭނެ ކަމަށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން ބުނެފިއެވެ.

އެންޑީއޭއިން މިއަދު ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެންޑީއޭގެ ސީއީއޯ އިމާދު ސޯލިހު ވިދާޅުވީ، ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަންގެ ފުރަތަމަ ފިޔަވަހި ހދ. ކުޅުދުއްފުށީގައި މިމަހު 26 ގައި ފެށޭނެ ކަމަށެވެ. އެގޮތުން އެންޑީއޭގެ މުވައްޒަފުން މިހާރު ކުޅުދުއްފުއްޓަށް ފޮނުވިފައިވާ ކަމަށް އިމާދު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މެތަޑޯން ޑިސްޕެންސް ޕްރޮގްރާމެއް މުޅިން އަލަށް ފަށާފައިވާ ކަމަށާއި، ވެއިޓްލިސްޓް ކުރެވިފައިވާ ތަރުތީބުން ފުރުސަތު ދޭނެ ކަމަށް އިމާދު ވިދާޅުވިއެވެ.

އިމާދު ވިދާޅުވިގޮތުގައި މިހާރު ޑިޓޮކްސިފިކޭޝަނަށް ބޭނުންވާ ބޭސް ވެސް ބަރާބަަރަށް ލިބެމުންދާ ކަމަށެވެ.

މިދިޔަ 3 މަސް ދުވަހުގެ ތެރޭގައި އެ އޭޖެންސީން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަން ފާހަގަކުރައްވާ އިމާދު ވިދާޅުވީ، ކ ހިންމަފުށީގައި ހިންގަމުންދިޔަ އަންހެނުންގެ ރިހެބިލިޓޭޝަން ސާވިސް މިހާރު ހުޅުމާލޭ ހާފްވޭ ހައުސްގެ ހިދުމަތަށް ގުޅުވާލެވިފައިވާ ކަމަށެވެ. އަދި 6 ކްލައިންޓުން މިހާރު ވެސް އެބަތިބި ކަމަށް އިމާދު ވިދާޅުވިއެވެ.

މީގެ އިތުރުން އައްޑޫ ހުޅުމީދޫގައި މި ސަރުކާރުން ގާއިމުކުރި ސެންޓަރުގައި އަލަށް ތައާރަފު ކުރަން ޖެހޭ ޕްރޮގްރާމްތައް ތައާރަފް ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަން އިމާދު ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ ހިތަދޫގެ ޑިޓޮކްސް ސެންޓަރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށް މިހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން 15 ކްލައިންޓުންގެ ބެޗަކާއެކު އަލުން ޑިޓޮކްސިފިކޭޝަންވެސް ފެށޭނެ ކަމަށް ވެސް އިމާދު ވިދާޅުވިއެވެ.